ޚަބަރު

ލިބޭ މުސާރައާއި އިނާޔަތްތައް މުރާޖަޢާކޮށްދެއްވާ - ޕްރިންސިޕަލުން


ޕްރިންސްޕަލުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް މުރާޖަޢާކޮށް އެކަށީގެންވާ ބަދަލެއް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އަރިހުގައި ޕްރިންސިޕަލުން އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާއި މިއަދު ހެނދުނު ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޕްރިންސިޕްލުން ވަނީ އެމީހުންގެ ކަންބޮޑުވުންތަކާއި، ސްކޫލުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ކަންތައްތައް އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ މިގޮތުން ޕްރިންސްޕަލުން ވަނީ އުގަންނައިދިނުމުގައި އިތުރަށް ބޭނުންވާ ވަޞީލަތްތައް ފާހަގަކުރައްވާފައެވެ. އަދި މުސާރަ އާއި އިނާޔަތްތައް މުރާޖަޢާކޮށް އެކަށީގެންވާ ބަދަލެއް ގެނެސްދެއްވުމަށް ނާއިބު ރައީސްގެ އަރިހުން އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ޕްރިންސިޕަލުން ވަނީ ޚާއްޞަ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި، އިންޝުއަރެންސް ޕެކޭޖްތަކެއް ތަޢާރަފު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޕްރިންސިޕަލުން އެދިވަޑައިގެންފައިވާ ކަންތައްތައް ވަރަށް ގާތުން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެކަންކަމަށް އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އެބޭފުޅުންނަށް ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ޕްރިންސިޕަލުން އަދާކުރައްވާ މުހިންމު ޒިންމާގެ މައްޗަށް އަލިއަޅުއްވާލައްވައި އެބޭފުޅުންގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މުދައްރިސުންނާއި، ދަރިވަރުންނާއި، އަދި ބެލެނިވެރިންނާ ޕްރިންސިޕްލުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އެބޭފުޅުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޕްރިންސިޕްލުންގެ އަރިހުން އެދިވަޑައިގެންފައެވެ.