ޚަބަރު

ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަވީރެއް ބާއްވަވައިފި


ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުޑަކުދިން ކުދިންނަށް ޚާއްސަކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކުޑަކުދިންގެ ހަވީރެއް ބާއްވަވައިފިއެވެ.މިހަވީރާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒް ވިދާޅުވީ، މިއަދު ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ބޭއްވި ކުޑަކުދިންގެ ހަވީރަކީ އެކުންދިންނާއިއެކު އެކުވެރި މާހައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެއްވުމުގެ މަޤުސަދުގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިންތިޒާމްކޮށްގެން ބޭއްވި ހަވީރެއްކަމަށެވެ.އެކަމަނާއަކީ އިޖްތިމާޢީ މިފަދަ ހަރަކާތްތަކަށް ހިތްވަރު ދެއްވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދެއްވުމަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާ ބޭކަނބަލެއްކަން ފާހަގަކުރައްވަމުން މުޢާޒް ވިދާޅުވީ، މީގެ ކުރިންވެސް މިފަދަ ހަރަކާތްތައް އެކަމަނާ އިންތިޒާމްކުރައްވާފައިވާ ކަމަށާއި، މިއަދުގެ ހަވީރުގައިވެސް ކުޑަކުދިން ގަޔާވާފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ.