ސިޔާސީ

ބާ ކައުންސިލްގެ ރައީސަކަށް މައުމޫން ހަމީދު އަދި ނައިބަކަށް މުއިއްޒު ކުރިމަތިލައިފި


ބާ ކައުންސިލްގެ ރައީސް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވާދަ ކުރައްވަން ނިންމައިފިއެވެ.

މައުމޫން ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ. މައުމޫންގެ އިތުރުން މި މަގާމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ކުރިމަތިލައްވަން ވަނީ ނިންމަވާފައެވެ.

ބާ ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަގާމަސް ކުރިމަތިލާން ގަސްތުކުރާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ. މުއިއްޒުވެސް އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ގާނޫނީ ފަންނުގެ ބިލް އެކުލަވާލާފައިވާ ގޮތުން ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސްއާ އެކު ޖުމްލަ ހަ މެންބަރުން އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވައެވެ. އޭގެތެރޭގައި ދައުލަތުގެ ބަންޑާރަ ނާއިބުވެސް ހިމެނިވަޑައިގަންނަވައެވެ. އެ ހަ މެމްބަރުންނަކީ ވަކީލުންގެ މެދުގައި ނެގޭ ވޯޓަކުން އިންތިޚާބު ކުރެވޭ ހަ މެމްބަރުންނެވެ.

ބާ ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިލެކްޝަނުން ވަނީ ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންތައް މޮނީޓަރ ކުރުމަށާއި އޮބްޒަރވް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތުވެސް ހުޅުވާލައިފައެވެ.

އަދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިލެކްޝަނުން ވަނީ ހުޅުވާލައިފައެވެ. އެގޮތުން މި މަހުގެ ފަސްވަނަ ދުވަހުގެ ހަވީރު ފަސްގަޑި ސުންމިނެޓާއި ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ބާ ކައުންސިލްގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ބާ ކައުންސިލު ހިންގާނީ، އެކުލަވާލާ އެގްޒެކެޓިވް ކޮމިޓީއާއި، އެ އެގްޒެކެޓިވް ކޮމިޓީން އެކުލަވާލާ ދާއިމީ ސަބް ކޮމިޓީތަކުގެ މައްޗަށް ކަމަށެވެ.