ސިޔާސީ

ޒާތީ މައުލޫމާތު ހިމެނޭތީ ޖަލްސާގެ ރެކޯޑިން ޕީއެންސީއަށް ނުދޭން ނިންމައިފި


ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީން) މިދިޔަ މަހުގެ 13ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގެ އޯޑިއޯ ރިކޯޑިންނާއި ޔައުމިއްޔާ ހޯދުމަށް އިދިކޮޅު ޕީއެންސީގެ ފަރާތުން އެ ކޮމިޝަނަށް ހުށަހެޅުމުން އެ މަޢުލޫމާތު ނުދިނުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޕީއެންސީން ރިކޯޑިން ހޯދުމަށް އެދިފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ގަބޫލު ނުކުރަން އެ ކޮމިޝަނުން ނިންމި ޖަލްސާގެއެވެ.

ޖޭއެސްސީގެ ބައްދަލުވުމުގައި ޕީއެންސީން އެދުނު މަޢުލޫމާތު ދޭން ނުފެންނަ ކަމަށް ނިންމީ އެކަމުގައި ފަނޑިޔާރުންގެ ޒާތީ މަޢުލޫމާތު ހިމެނޭތީއެވެ. އަދި ޕީއެންސީއަކީ ޖޭއެސްސީގެ ގާނޫނުގައި އެފަދަ މަޢުލޫމާތު ދިނުމަށް ބަޔާންކޮށްފައިވާ ފަރާތެއްވެސް ނޫން ކަމަށް ޖޭއެސްސީން ބުނެއެވެ.

އެދުވަހުގެ ބައްދަލުވުމުގައި ޖޭއެސްސީން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށް ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން ޖޭއެސްސީގެ ބައެއް މެންބަރުން ވަނީ އެ ކޮމިޝަނުގެ ޔައުމިއްޔާ ނުލިޔާތާ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވާފައެވެ.