ކޯޓުތަކަށް މެޖިސްޓްރޭޓުން ޢައްޔަން ކުރުން މަޑުޖައްސާލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މެޖިސްޓްރޭޓް ކޯޓުތަކުގެ އޮނިގަނޑާއި ކޯޓުތަކަށް މެޖިސްޓްރޭޓުން ޢައްޔަން ކުރުން މަޑުޖައްސާލުމަށް ނިންމާފައެވެ. ޖޭއެސްސީން ވިދާޅުވީ އެގޮތަށް އެ ކޮމިޝަނުން ނިންމީ ޖޭއެސްސީގެ ގާނޫނަށާއި ފަނޑިޔާރުންގެ ޝަރުތުތައް ރިވިއު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ޖޭއެސްސީގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް މަޖިލީހުން ބަލައިގެންފައިވާއިރު ގިނަ އިސްލާހުތަކެއް އެ ގާނޫނަށް ވަނީ ހުށަހަޅާފައެވެ.
ޖޭއެސްސީގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައި އެ ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމްކުރާ ސިފަތަކުގެ ތެރޭގައި ޢުމުރުން 40 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ބުނާގޮތުން ޖޭއެސްސީގެ މެންބަރަކަށް ވެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހަކަށެވެ.
މި އިޞްލާޙުގައި ވާގޮތުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކީ ޤާނޫނީ ވަކީލެއް ކަމުގައިވާނަމަ އެފަރާތައް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ދެމި ހުރިހާ ހިނދަކު ދިވެހިރާއްޖޭގެ ކޯޓްތަކުގައި ވަކާލަތު ކޮށްގެން ނުވާނެއެވެ. އަދި ޖޭއެސްސީގެ ރައީސާއި ނާއިބު ރައީސް ވަކިކުރެވޭނެ ގޮތްވެސް މި އިޞްލާޙުގައިވެއެވެ.
މިހާރު ޢަމަލުކުރަމުންދާ ޖޭއެސްސީގެ ޤާނޫނުގައި އެކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ވަކިކުރެވޭނެ ގޮތެއް ބަޔާންކޮށްފައެއްނުވެއެވެ. ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިޞްލާޙުގައި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސް އެމަޤާމުން ވަކިކުރެވޭނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން 4 މެންބަރަކު ކޮމިޝަންގެ ޖަލްސާއަކަށް ހުށައަޅާ އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ރައީސް އާއި ނާއިބު ރައީސް އިތުބާރު ނެތްކަމަށް ހުށައަޅައިފިނަމަ އެނިންމުމަށް ވޯޓަށް އަހާ ގޮތެއް ނިންމުމަށްފަހު މެނުވީ ކޮމިޝަންގެ އިތުރު މަސައްކަތެއް ތަވާލު ކޮށްގެން ނުވާނެ ކަމަށްވެސް އިޞްލާޙުގައިވެއެވެ. އަދި އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ އެ މައްސަލަ އެއްވެސް ކޯޓަކަށްވެސް ހުށަނޭޅޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.