ކުޅިވަރު

ބ.ފުޓްބޯޅަ ޗެލެންޖްގައި މާޅޮސް އަތުން ކުޑަރިކިލަށް ފަސޭހަ މޮޅެއް


ބ.ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު މާޅޮހާއި ކުޑަރިކިލު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކުޑަރިކިލުން ކާމިޔާބުކޮށްފިއެވެ. ގްރޫޕް ބީގައި ހިމެނޭ މި ދެޓީމް ބައްދަލުކުރި މެޗް ކުޑަރިކިލު ކާމިޔާބު ކުރީ ދޭއް ސުމަކުން ނެވެ.

މިމެޗްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ކުޑަރިކިލު ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗްގެ 36 ވަނަ މިނެޓްގައި އެޓީމްގެ ކެޕްޓަން އަޙްމަދު ނިހާން އެވެ. ދެވަނަ ހާފްގައި މާޅޮހު ޓީމަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެހެންނަމަވެސް ކުޑަރިކިލު ކީޕަރުވަނީ އެހަމަލާ ދިފާއުކޮށްފަ އެވެ.

ކުޑަރިކިލަށް މިމެޗްގައި ލީޑު ފުޅާކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަސަން ޔާސިރު އަދުނާނު އެވެ. ކުޑަރިކިލު މިއަދު މެޗުން މޮޅުވުމުން، ގްރޫޕް އޭގެ އެއްވަނައިގައި ކުޑަރިކިލު އޮތް އިރު ދެވަނައިގައި އޮތީ އޭދަފުށި ތިންވަނައިގައި ގޮއިދޫ އޮތްއިރު ގްރޫޕްގެ ފުލުގައި އޮތީ މިމެޗުން ބަލިިވި މާޅޮހެއެވެ.

މި މުބާރާތުގައި މާދަމާ ވެސް މެޗެއް ކުޅޭނެއެވެ. ބައްދަލުކުރާނީ ގްރޫޕް ސީގައި ހިމެނޭ ފެހެންދޫ އާ ކިހާދޫ އެވެ. މި މެޗް ފަށާނީ މާދަމާ ހަވީރު 16:15ގަ އޭދަފުށީ ޓާފް ދަނޑުގަ އެވެ.

މި މުބާރާތަކީ ބ.އަތޮޅުގަ ފޯސީޒަނުން ހިންގާ ލަނޑާގިރާވަރުން ރިސޯޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މީއީ ބ.އަތޮޅުގެ ރިސޯޓަކުން ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ.