ކުޅިވަރު

ޓެނިސް ކުރިއެރުވުމުގެ މަޝްވަރާތަށް ކުރުމަށް ޔަންކޯ ޓިޕްސަރަވިޗް އާއެކު ވީޑިއޯ ކޮންފަރެންސްއެއް ބާއްވައިފި


ދުނިޔޭގެ ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިޔާ ޔަންކޯ ޓިޕްސަރަވިޗްގެ އެކަޑަމީ ރާއްޖޭގައި ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ޔަންކޯއާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަހްލޫފް ވީޑިއޯ ކޮންފަރެންސެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ކުރިއަށްގެންދިޔަ މި ވީޑިއޯ ކޮންފަރެންސްގައި، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙުމަދު ނަޒީރާއި ވައިސް ޕްރެޒިޑެންޓް މުޙައްމަދު އަމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވީޑިއޯ ކޮންފަރެންސަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، ވިމްބްލްޑަން މުބާރާތް ނިންމާލުމައްފަހު ޔަންކޯ ރާއްޖެ އައުމަށްވެސް ނިންމާފައިވާކަމަށެވެ. އަދި އެކަޑަމީ ގާއިމުކުރުމުގެ ކުރިން، ސެޓަޕް ހެދުމަށް ކުރަމުންދާ މަސައްކަތަށް ޔަންކޯ ޚިޔާލު ދެއްވިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިި ބޭއްވީ ވީޑިއޯ ކޮންފަރެންސްއެއް، ޓެނިސް އެސޯސިއޭޝަންގެ ރައީސް އައި ނާއިބު ރައީސްވެސް ބައިވެރިވި. ވަރަށް ކާމިޔާބުކޮށް ބައްދަލުވުން ނިމުނީ، އެއީ މިވަގުތު ޔަންކޮ ހުރީ ވެމްބްލެޑަންގައި، އެމުބާރާތް ނިންމާފަ ރާއްޖެ އަންނަން ނިންމާފައޮތީ، އޭގެ ކުރިން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކަށްވެސް ހިޔާލުދީފައި މިހާރުއޮތީ" މަހްލޫފް ބުންޏެވެ.

މިނިސްޓަރ ވިދާޅުވީ ޓެނިސް ކުރިއެރުވުމަށް ސަރުކާރުން އިތުރު ވިސްނުމެއްވެސް ގެންގުޅޭކަމަށާއި ބައިނަލްއަޤްވާމީ ފެންވަރުގެ ކުޅުންތެރިއެއްގެ ޓެނިސް އެކަޑަމީއެއް ރާއްޖޭގައި ހުޅުވުން ވެގެންދާނީ ރާއްޖޭގައި ޓެނިސް ކުރިއަރައިދިއުމުގެ އިތުރަށް، ސަރުކާރުން ޓެނިސް ކުރިއަރުވަން ގެންގުޅޭ ސިޔާސަތުތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްކަމަށެވެ.

މަހްލޫފް ވިދާޅުވީ، އަމާޒަކީ ބައިނަލްއަޤްވާމީ ކުޅުންތެރިން މުބާރާތްތަކުގައި ވާދަކުރަން ދިއުމުގެ ކުރިން ޚާއްސަ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެފަދަ ވަސީލަތްތައް ރާއްޖޭގައި ގާއިމްކުރުން ކަމަށެވެ.

ސަރބިއާގެ ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިޔާ ޔަންކޯ ޓިމްސެރަވިޗަކީ ދުނިޔޭގެ ރޭންކިންގެ އަށްވަނަ ޓެނިސް ކުޅުންތެރިޔާއެވެ.