ކުޅިވަރު

އައި.އޯ.އައި.ޖީ ގައި ވާދަކުރާ ކުޅިވަރުތަކުގެ ޓީމް ލީޑަރުންތަށް ކަނޑައަޅައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ)ގައި ވާދަކުރާ ކުޅިވަރުތަކުގެ ޓީމް ލީޑަރުން ނުވަތަ އެ ކުޅިވަރެއް ލީޑްކުރާނެ ފަރާތްތައް ކަނޑައަޅައިފިއެވެ.

މި ފަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފަސް މެޑަލް ހޯދުމަށް އަމާޒުހިފާފައިވާ އެތުލެޓިކްސް ޓީމްގެ ހެޑަކީ، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތޮލާލެވެ.

މި ފަހަރުގެ މުބާރާތަށް އެންމެ ދުރާލާ ތައްޔާރުވަމުން އަންނަ ބެޑްމިންޓަން ޓީމްގެ ހެޑަކީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިޝްފާން އިބްރާހިމެވެ. ބާސްކެޓްބޯޅަ ޓީމް ލީޑްކުރާނީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދެވެ.

އުއްމީދީ، ޒުވާން ޓީމެއް އޮތް ޓީޓީ ޓީމް ލީޑްކުރާނީ ޓީޓީ އެސޯސިއޭޝަންގެ ޚަޒާންދާރު އަހުމަދު ޝާޒިލްއެވެ. އައި.އޯ.އައި.ޖީގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ އިސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޓީސީގެ ކުރީގެ ކެޕްޓަން ޔާމީން އިބްރާހިމް (ޔާމްބެ)އެވެ. ވޮލީބޯޅަ ޓީމްތައް ލީޑްކުރާނީ ވީ.އޭ.އެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން އަބްދުﷲ އާމިރެވެ.

ސްވިމިންގ ޓީމާއެކު، އިސްކޮށް، އެ އެސޯސިއޭޝަންގެ ޚަޒާންދާރު އަލީ ޝަމީމް ހަރަކާތްތެރިވާއިރު، ޕެރަ ސްޕޯޓްސްގައި ވާދަކުރާ ޓީމްގެ ހެޑަކީ ކޯޗު އަބްދުﷲ މަސްއޫދެވެ. މީގެ އިތުރުން ސެއިލިންގ ޓީމްގެ ހެޑަކީ ނަޒީމް އަހުމަދެވެ.