ވިޔަފާރި

ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރުގެ އެހީއެއް


ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް 30 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ވޯލްޑް ބޭންކުގެ 30 މިލިއަން ޑޮލަރު ނުވަތަ 462 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމާފައިވަނީ ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި ދެ ޕްރޮޖެކްޓަކަށް އެހީތެރިވުމަށްކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، މާލީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި، ސިޔާސަތުތައް އެކުލަވާލުން ހަރުދަނާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ޤާބިލްކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް ހަރުދަނާކުރުން ހިމެނެއެވެ.

މާލީ ދާއިރާ ހަރުދަނާކުރުމަށް ވޯލްޑް ބެންކުން 30 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާއިރު، ދިވެހި ޒުވާނުންނަށް ވަޒީފާއާއި ތަމްރީންގެ ފުރުޞަތުތައް ހޯދައިދިނުމަށް އެހީތެރިވުމަށް މިދިޔަމަހު ވޯލްޑް ބެންކުން ވަނީ ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރާންޓްގެ ގޮތުގައި ދޭ 10 މިލިއަން ޑޮލަރާއި ބައިނަލްއަޤްވާމީ އެކި ޖަމުޢިއްޔާތަކުންދޭ 10 މިލިއަން ޑޮލަރުގެ ކްރެޑިޓެވެ.

ވޯލްޑް ބެންކުން މަޢުލޫމާތުދޭ ގޮތުގައި މި އެހީގެ ސަބަބުން އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހަލުވިވެގެންދާނެއެވެ. އަދި ސަރުކާރުން ވާސިލުވުމަށް މަސައްކަތްކުރާ ނޫ އިޤްތިޞާދުގެ ތަޞައްވުރަށް ވާސިލުވުމަށްވެސް މި އެހީގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

މިކަންކަމުގެ އިތުރުން، ވަޒީފާގެ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކުރުމަކީވެސް މި އެހީގެ މަޤްޞަދެކެވެ. އެގޮތުން މި އެހީގެ ދަށުން އައި.ސީ.ޓީގެ ދާއިރާއިން އަންހެނުން ތަމްރީންކޮށް، ގޭގައި ތިބެގެންވެސް އާމްދަނީ ލިބޭނެ މަސައްކަތްތައްކުރުމަށް މަގުފަހިވެގެންދާނެކަމަށް ވޯލްޑް ބެންކުން ޤަބޫލުކުރެއެވެ.

ވޯލްޑް ބެންކާ ރާއްޖޭގެ ގުޅުމަށް 40 އަހަރުވެފައިވާއިރު، ވޯލްޑް ބެންކުން ދަނީ ރާއްޖޭގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.