ވިޔަފާރި

ބޭރުގެ 1.2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ހުއްދަ ދީފި


ފާއިތުވި 7 މަސްދުވަސްތެރޭ ރާއްޖެއިން ބޭރުގެ 1.2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ހުއްދަ ދީފައިވާކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިސާމް ވިދާޅުވީ މި ސަރުކާރު އައިފަހުން މިވީ 7 މަސްދުވަސްތެރޭ 30 ފޮރިން އިންވެސްޓްމަންޓަށް ހުއްދަ ދެވިފައިވާ ކަމަށާއި މި އިންވެސްޓްމަންޓްތަކުގެ އަގު 1.2 ބިލިއަން ޑޮލަރަށް އަރާ ކަަމަށެވެ.

"އެބޭފުޅުންގެ އެޕްލިކޭޝަންތަކުގައި ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި އިންވެސްޓްކުރާނެ އަދަދެއްގެ ގޮތުގައި، އެޕްލިކޭޝަން ސްޓޭޖްގަ ޑިސްކްލޯސް ކުރާ އަދަދު، ޖުމްލަ ހުރިހާ އިންވެސްޓްމަންޓްތަކަކަށް ބަލާލާއިރު، 1.2 ބިލިއަން ޑޮލަރަށް އަރާ،" ވިސާމް ވިދާޅުވިއެވެ.

މި އިންވެސްޓްމަންޓްތަކަށް ހުއްދަ ދިން ކަމުގައި އިންވެސްޓްކުރީ ކިތައް ފަރާތުން، ކިހާވަރެއްކަން އެނގޭނީ ފުރަތަމަ މާލީ އަހަރު ނިމިގެން ދިރާސާ ކުރުމުންކަމަށް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ އެންމެ ގިނަ އަދަދަކަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރުމަށްކަމަށެވެ.

" ޓޫރިޒަމް ސިނާއަތުގެ ގިނަ އިންވެސްޓްމަންޓްތަކެއް އެބަހުރި، ވޯޓާ ސްޕޯޓްސްގެ ދާއިރާގައި އިންވެސްޓްކުރަން އެބަހުުރި، އަދި ކޮންސްޓްރަކްޝަން ސިނާއަތް އަދި ހޯލްސޭލް ޓްރޭޑްވެސް ކޮންމެވެސް ވަރަކަށް ހިމެނޭ،" ވިސާމް ވިދާޅުވިއެވެ.

ރާއްޖޭގައި މަޝްރޫޢުތައް ހިންގުމަށް ބޭރުގެ އިންވެސްޓަރުން ގެނައުމަށް ވިޔަފާރިކުރުމަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިޔަފާރިކުރުމާއި ގުޅޭ ޤަވާއިދުތަކަށް ޒަމާނީ ބަދަލުތަށް ގެނައުންފަދަ މަސައްކަތްތައް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.