ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްގީކޮށް ކުރިއެރުވުމަށް މުހަންމަދު އުމަރު މަނިކު ފައުންޑޭޝަން އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާ ދެެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މިއެއްބަސްވުމުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން މިދާއިރާއިން މަތީ ތަޢުލީމް ހާޞިލްކުރުމަށް ސްކޮލަރޝިޕްގެ ފުރުޞަތާއި، ރާއްޖެއިން ބޭރުން ތަމްރީންގެ ފުރުޞަތާއި ދަނޑުތަކަށް ދިމާވާ މައްސަލަތައް ތަހުލީލްކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްްޓަރ ޒަހާ ވަހީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ.
ޔުނިވަރސަލް ފައުންޑޭޝަންގެ ޗެއަރމަން މުހަންމަދު އުމަރު މަނިކު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކޮންމެ ކަމަކަށްވެސް އެހީތެރިވެ ދިނުމަސް އެ ފައުންޑޭޝަނުން ތައްޔާރަށް ތިބިކަމަށެވެ. އަދި މިމަސައްކަތް ކާމިޔާބު ކަމާއިއެކު ކުރިއަށްދާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މަނިކު ވިދާޅުވިއެވެ.
މިިނިނިސްޓްރީއާއި އުމަރު މަނިކް ފައުންޑޭޝަންއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާތަކުން ރާއްޖެއިން ބޭރުން ބެޗްލާސް ޑިގްރީ ހާސިލްކުރަން 3 ސްކޮލަރޝިޕް ދިނުން ހިމެނެއެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފީލްޑް އޮފިސަރުންގެ ގޮތުގައި މީހުން ތަމްރީނު ކުރުމުގެ އިތުރުން ދަނޑުވެރިކަމުގައި ދިމާވާ އެކިއެކި ބަލިތައް އަދި ރުކުމަޑީގެ ބާވަތްތައް ދެނެގަނެ އެބަލިތައް ތަހުލީލު ކުރުމަށާއި ޕެރަސައިޓް ބްރީޑް ކުރުމަށް ލެބޯޓްރީއެއް ގާއިމް ކުރުންވެސް މިއެއްބަސްވުމުގައި ހިމެނެއެވެ.