ވިޔަފާރި

ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓް ހުޅުވައިފި


މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ "ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ރިސޯޓު ހުޅުވައިފިއެވެ.

މި ރިސޯޓަކީ މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓް ބްރޭންޑެއްކަމަށްވާ ވޮލްޑޯފް އެސްޓޯރިއާއިން ތަރައްޤީކުރި ރިސޯޓެކެވެ.

ފަޅު ހިއްކައިގެން ތިން ރަށް ގުޅުވާލައިގެން ތަރައްޤީކޮށްފައިވާ މިރިސޯޓުގައި 122 ކޮޓަރި ހުރެއެވެ. މީގެތެރޭގައި އޯވަރ ވޯޓަރ ވިލާއާއި ރީފް ވިލާ އަދި ބީޗް ވިލާ ހިމެނޭއިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހިމެނެއެވެ. ރީފް ބީޗް އަދި ވޯޓަރ ވިލާތަކުގައި މޫދާއި ގުޅިފައިވާ ގުދުރަތީ ޕޫލަކާއި ސްވިންގިންގ ބެޑެއް ހިމެނެއެވެ.

މީގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަކޮށްގެން ރިސޯޓުގައި ސްޕާގެ ޚިދުމަތްތަކާއި ޖިމް، ސްވިމިންގ ޕޫލް އަދި އެންޓެޓެއިންމެންޓް ސެންޓަރެއްގެ ޚިދުމަތް ލިބެން ހުރެއެވެ.

ރިސޯޓަށް އަންނަ ޒުވާން ފަތުރުވެރިންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ރިސޯޓުގައި ޑިސްކަވަރީ ޕާކަކާއި ވޯޓަރ ޕާކެއް އަދި ލެގޫން ޕޫލެއް ޤާއިމްކޮށްފައިވާއިރު، މިއީ އާއިލާތަކާއިއެކު ރިސޯޓަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ވަރަށް ކަމުދާނެ ޚިދުމަތްތަކަކަށް ވެގެންދާނެކަމަށް އިތާފުށި ރިސޯޓުން ބުނެއެވެ.

ވޮލްޑޯފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓުގެ ގްލޯބަލް ހެޑް ޑީނޯ މައިކަލް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ މި ރިސޯޓުގެ ތަޖުރިބާ ތަފާތުވާނެކަމަށެވެ. އެގޮތުން ރިސޯޓުގެ މާޙައުލާއި ރިސޯޓުގެ ކަލިނަރީ ޚިދުމަތްތައް ވަރަށް ވެސް ފުރިހަމަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިތާފުށީގައި ތަރައްޤިކޮށްފައިވާ ވިލާތަކާއި ސްޕާތަކުގެ އިތުރުން ރިސޯޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި ރިސޯޓުގައި ހުންނަ 11 ރެސްޓޯރެންޓެވެ. ކޮންމެ ތަނަކުން ތަފާތު ވައްތަރެއްގެ ކެއުންތަކާއި ރަހަތައް ލިބިގެންދާއިރު ރިސޯޓުގައި ތަރައްޤީކޮށްފައިވާ ޓްރީޓޮޕް ޑައިނިންގ ރޫމްއިން ކޮށްލެވޭ ތަޖުރިބާ މާބޮޑަށްވެސް ތަފާތުވާނެކަމަށް ރިސޯޓު ހިންގާ ފަރާތުން ބުނެއެވެ.