ކުޅިވަރު

އައިއޯއައިޖީގެ ޕެރަލިމްޕިކް ބައިގައި ވާދަކުރާ މާޒިންއާއިއެކު ފަރިތަކުރުންތަކުގައި މިނިސްޓަރ މަހުލޫފް ބައިވެރިވެލައްވަފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރަލިމްޕިކް އިވެންޓުގައި ރާއްޖެ ތަމްސީލުކުރާ ދުވުންތެރިޔާ، މުޙައްމަދު މާޒިން އާއި ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަޚުލޫފް ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ.

މާޒިން އަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ އެތްލީޓެވެ. މަހްލޫފް ވަނީ މިއަދު ހަވީރު ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި މާޒިން އާއި އެކު ފަރިތަކުރުންތަކުގައި ބައިވެރިވެލައްވާފައެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ، މާޒިންއަށް މުބާރާތުގައި ރަނގަޅު ވަނައެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، މުބާރާތުން ކާމިޔާބީއެއް ހޯދަން މާޒިން ކުރަމުން އަންނަ ބުރަ މަސައްކަތް އިހުސާސްކުރެވިއްޖެކަމަށެވެ.

"ފަރިތަކުރުންތަކުގައި ބައިވެރި ވެލީމަ އަސްލު ވަރަށް ބޮޑަށް ފާހަގަ ވެގެން ގޮސްފި މާޒިން ކުރަމުން އަންނަ ބުރަ މަސައްކަތް، އަޅުގަނޑުވެސް ހީކުރު ވަރަށްވުރެ މާ ބޮޑުތަންވެސް ރަނގަޅު، ކޯޗުވެސް ވަރަށް ބޮޑު ޔަގީންކަމެއް ދެއްވާފަ އޮތީ، އުންމީދަކީ ސްޕެޝަލް އޮލީމްޕިކްސް އެކޭވެސް އެއްގޮތަށް މި މުބާރަތުންވެސް ފަޚުރުވެރި ވަނައެއް ރާއްޖެއަށް ލިބުން،" މަހްލޫފް ވިދާޅުވިއެވެ.

މާޒިން ބުނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްގެ ގޮތުގައި އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ އެތްލީޓަށް ވެވުމުން އެކަމާއި ވަރަށް ބޮޑަށް އުފާވާ ކަމަށާއި، އުންމީދަކީ ރާއްޖެ ފަޚުރުވެރިވާ ފަދަ ބޮޑު ކާމިޔާބީއެއް ހޯދުން ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު ފަރިތަކުރުންތަކަށް ބަލާއިރު މުބާރާތުން ކާމިޔާބީއެއް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށާއި، ޚާއްސަކޮށް ފަރިތަކުރުންތަކުގައި ކުޅިވަރާބެހޭ ވަޒީރު ބައިވެރިވެލެއްވުމުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ގޮސްފިކަމަށެވެ.

" އަޅުގަނޑުގެ ޓާގެޓަކީ މިމުބާރާތުން ރާއްޖެ ފަޚުރުވެރި ވާހަފަ ކާމިޔާބީއެއް ގެނައުން، ވަރަށް އުފާވޭ ސަރުކާރުން އަޅުގަނޑުމެންނަށް މިފަދަ ފުރުސަތުތަށް ތަނަވަސް ކޮށްދޭތީ، ދެން ފަރިތަކުރުންތަށް ދަނީ ވަރަށް ރަނގަޅަށް، ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކާމިޔާބީ ލިބޭނެ ކަމުގެ، ވަކިން ޚާއްސަކޮށް މިނިސްޓާރ ވަޑައިގެން ފަރިތަކުރުންތަކުގައި ބައިވެރިވެލެއްވުމުން ވަރަށް ބޮޑަށް ހިތްވަރު ލިބިއްޖެ، މާޒިން ބުންޏެވެ.

އައިއޯއައިޖީގެ ޕެރަލިމްޕިކް ބައިން 100 މީޓަރު ދުވުމުގައި މާޒިން ވާދަކުރާއިރު މިއީ މިމުބާރާތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

ރާއްޖެއިން ވަނީ މިއަހަރު ދުބާއީގައި އޮތް ސެޕްޝަލް އޮލީމްޕިކްސްގައިވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.