ސިޔާސީ

އިންޑިއާއެކުގައި ކުށްވެރިން ބަދަލު ކުރުމަށް ކޮމެޓީން ރުހުން ދީފި


ރާއްޖެއިން އިންޑިއާއެކު ގާއިމު ކުރަން އުޅޭ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ 9 މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގައި އިންޑިއާއިން ކުށްވެރިއަކު ކަމުގައި ކަނޑައަޅާ މީހަކު އެއްވެސް އިންވެސްޓުމަންޓެއް ރާއްޖެއަށް ކޮށްފައިވާ ނަމަ އެ ފައިސާ އިންޑިއާއަށް ހިފެހެއްޓޭނެ ކަމަށް ވަނީ ބުނެފައެވެ. އެއްބަސްވުމުގައި ހުރި ކަންތައްތަކާއި ގުޅޭގޮތުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގައި ހުރި ކަންކަމާއި ގުޅޭގޮތުން ކަމާ ގުޅުންހުރި މުހިއްމު އިދާރާތަކުގެ މަޝްވަރާ ހޯދާފައިވާއިރު ކޮމެޓީން ވަނީ އެ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުވެސް ކުރައްވާފައެވެ. އެގޮތުން އެމްއެމްއާއި، ފޮރިން މިނިސްޓްރީއާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިތުރުން، އެޓާނީ ޖެނެރަލް އޮފީހުގެ ބައެއް ބޭފުޅުން ވަނީ ކޮމެޓީއަށް ވަޑައިގެން މަޝްވަރާކޮށްފައެވެ.