ޚަބަރު

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑެންއަށް ޒިޔާރަތްކުރައްވައިފި


ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރުގެ ބޮޓާނިކަލް ގާޑެންނަށް ޒިޔާރަތްކުރައްވައިފިއެވެ. ބޮޓާނިކަލް ގާޑެންއަކީ އެކި ވައްތަރުގެ މާމެލާމެލީގެ ގިނަ ބަގީޗާތައް އެކުލެވޭ ތަނެކެވެ. މިއީ ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައާއި ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލުތަނެކެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބޮޓާނިކަލް ގާޑެންގެ ނެޝަނަލް އޯކިޑް ގާޑެންއަށް ޒިޔާރަތްކުރައްވާފައެވެ. ރައީސްގެ ދެކަނބަލުންނަށް އޯކިޑް ގާޑެންއިން މަރުހަބާ ދެންނެވީ ސިންގަޕޫރުގެ ސީނިއަރ މިނިސްޓަރ އަދި ސްޓޭޓް މިނިސްޓަރ ފޮރ ޑިފެންސް ޑރ.މާލިކީ އުސްމާނެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ އެންމެ އިސްވެރިންނަށް ނެޝަނަލް އޯކިޑް ގާޑެންއަށް ޒިޔާރަތްކޮށް މަލަށް ނަން ދިނުމުގެ ފުރުޞަތު އަރުވައެވެ. ރައީސްގެ ދެކަނބަލުން ވަނީ މިތަނުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި ބަގީޗާ ބައްލަވާލައްވާފައިވެއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޢަބްދުﷲ މައުސޫމާއި، ރާއްޖެއިން ސިންގަޕޫރަށް ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.