ޚަބަރު

ބާ ކައުންސިލްގެ ރައީސްކަމަށް ސުއޫދު ވާދަކުރައްވަނީ


ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ ރެގިއުލޭޓު ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވަން ހުސްނުއްސުއޫދު ނިންމަވައިފިއެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ އިންތިޚާބު ނިމަހުގެ 13 ވަނަދުވަހު ބޭއްވުމަށް ނިންމާ ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަނަސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލާފައެވެ.

ގޮތް ނޭގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އުފެއްދެވި ކޮމިޝަންގެ ރައީސްކަންވެސް ކުރައްވާ ކުރީގެ ބަންޑާރު ނާއިބު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވަނީ އަލަށް އުފެދޭ ބާ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ވާދަކުރަން ނިންމަވައިފިކަމަށެވެ. އަދި ވޯޓްލުން މިމަހުގެ 13 ވާ ހޮނިހިރު ދުވަހު އޮންނާނެކަންވެސް ސުއޫދުގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ. ބާ ކައުންސިލްގެ އިންތިޚާބު މިއަދު އިއުލާންކޮށްފައިވާއިރު ސުއޫދަކީ އެ ކައުންސިލްގެ މަގާމަކަށް ކުރިމަތިލެއްވި ފުރަތަމަ ޤާނޫނި ވަކީލެވެ.

ބާ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާ ފަރާތަކީ ޤާނޫނީ ވަކީލެއްގެ ގޮތުގައި 10 އަހަރު މަސައްކަތްކޮށްފައިވާ މީހަކަށް ވާންޖެހއެވެ. އަދި އެމީހެއްގެ ނަޒާހަތްތެތިކަމާއި މެދު ސުވާލު އުފެދޭ އެއްވެސް މައްސަލައެއް ކޯޓެއްގައި އޮތް ނުވަތަ ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ ނުވާ މީހަކަށްވެސް ވާންޖެހެއެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީ އެކުލެވިގެންވަނީ ދައުލަތުގެ ބަންޑާރަ ނާއިބާއި އެކު ނުވަ މެމްބަރުންގެ މައްޗަށެވެ. .