ކުޅިވަރު

އައިސީސީ ކްރިކެޓް ވަރލްޑްކަޕްގައި ފުރަތަމަ ފަހަރަށް އިންޑިޔާ ބަލިވެއްޖެ


އައިސީސީ ކްރިކެޓް ވަރލްޑްކަޕްގައި ފުރަތަމަ ފަހަރަށް އިންޑިޔާ ބަލިވެ، އިންގްލެންޑުން ސެމީ ފައިނަލްގެ އުއްމީދު ދަމަހައްޓައިފި އެވެ.

މިއަހަރުގެ ވަރލްޑް ކަޕްގައި އިންޑިޔާ ފުރަތަމަ ފަހަރަށް ބަލިވީ އިންގްލެންޑް އަތުން 31 ލަނޑުގެ ތަފާތުން ނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ. އެޓީމް ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ވަނީ 337 ލަނޑު ހަދާފަ އެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނީ 111 ލަނޑު ހެދި ޖޮނީ ބަރސްޓޯ އެވެ.

ޖަވާބުގައި އިންޑިޔާއިން ކުޅެން އަރާ 50 އޯވަރުގެ ތެރޭ 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ 306 ލަނޑެ އެވެ. އިންޑިޔާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 102 ލަނޑު ހެދި ރޯހިތް ޝަރުމާ އެވެ.

މެޗަށްފަހު އިންޑިއާ ޓީމުގެ ކެޕްޓަން ވިރާތް ކޯލީ ވަނީ މެޗުން ބަލިވުމުގައި އިންގްލޭންޑަށް ޓޮސް ދިމާވުން މުހިއްމު ދައުރެއް އަދާކުރިކަމަށް ބުނެފަ އެވެ. އަދި މިމެޗުގައި ބަންޑަރީވެސް ތަންކޮޅެއް ކުޑަކަމަށް ލަފާކުރެވޭކަމަށް ބުނެ އެކަމަށްވެސް ކޯލީ ވަނީ ފާޑުކިޔާފަ އެވެ.

މި ނަތީޖާއާއިއެކު ސެމީފައިނަލްގެ ޖާގައެއް ހޯދުމުގެ ރޭހުގެ ފޯރި މިވަނީ ގަދަވެފަ އެވެ. 11 ޕޮއިންޓާއިއެކު އިންޑިޔާ ދެވަނަގައި އޮތްއިރު އެ އަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ނިއުޒީލެންޑް އެވެ. ހަތަރުވަނައިގައި އިންގްލެންޑް އޮތްއިރު، ފަސްވަނައިގައި އޮތް ޕާކިސްތާނަށްވެސް ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.