ޚަބަރު

ގްރީޒްމަންގެ އެއްބަސްވުން އުވާލެވޭ އަގު 120 މިލިއަން ޔޫރޯއަށް ކުޑަވެއްޖެ


އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް އެންޓުއަން ގްރީޒްމަން އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލެވޭ އަގު 120 މިލިއަން ޔޫރޯއަށް ކުޑަވެއްޖެއެވެ.

ބާސެލޯނާއިން ގްރީޒްމަން ހޯދުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލާފައި އޮތީ އޭނާގެ އެއްބަސްވުން އުވާލެވޭ އަގު ކުޑަވަންދެނެވެ. ގްރީޒްމަންގެ ރިލީޒް ކްލައުސް ކުޑަވުމާއެކު މި ހަފުތާގެ ތެރޭގައި ބާސެލޯނާއިން ގްރީޒްމަންގެ ސޮއި ހޯދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި ބާސެލޯނާއަށް ބަދަލުވުމަށް މިހާރު ގްރީޒްމަނަށް ލިބެމުންދާ މުސާރައަށްވުރެ ހަ މިލިއަން ޕައުންޑް ކުޑަ މުސާރައަކަށް އެއްބަސްވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ގްރީޒްމަންއަކީ އަންނަ ސީޒަނަށް ބާސެލޯނާއަށް ގެންދަން އެ ކްލަބުން އެންމެ ބޭނުންވާ އެއް ކުޅުންތެރިޔާއެވެ. އަދި މިދިޔަ މާޗު މަހު އޭނާ ބާސެލޯނާއާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެސް އެތްލެޓިކޯ މެޑްރިޑުންވަނީ ބުނެފައެވެ. އަދި މި މައްސަލަ ފީފާއަށް ހުށަހަޅަންވެސް އެ ކުލަބުން އޭރު ތައްޔާރުވިއެވެ.