ފަތުރުވެރިކަމާއި ވިޔަފާރިއަށް ޚާއްސަކޮށްގެން އޯރކާ ގްރޫޕުން "ލޯކަލް އައިލެންޑް ޓޫރިޒަމް" ނަމުގައި މަޖައްލާއެއް ނެރެން ފަށައިފިއެވެ.
"ލޯކަލް އައިލެންޑް ޓޫރިޒަމް" މަޖައްލާ ރަސްމީކޮށް ނެރެދެއްވާފައިވަނީ އޯރކާ މީޑިއާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސަނީ އުމަރު އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދެވެ. ރާއްޖޭގެ އެތެރޭގެ ފަތުރުވެރިކަމާއި އެކި ވިޔަފާރިތައް ޕްރޮމޯޓްކޮށް ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އޯރކާ މީޑިއާއިން ތަޢާރަފްކޮށްފައިވާ މި ފޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ފުރުސަތުތައް ދައްކުވައި ދީފައިވެއެވެ.
އޯރކާ މިޑިއާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސަނީ އުމަރު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އިޝްތިހާރުކުރުމަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ މަޖައްލާއެއްކަމަށެވެ. ސަނީ ވިދާޅުވީ މި މަޖައްލާގެ ޒަރިއްޔާއިން ރާއްޖޭގެ ރީތިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި ރާއްޖެ ކުރިއަރާފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދާނެކަމަށެވެ.
'ލޯކަލް އައިލެންޑް ޓޫރިޒަމް' މަޖައްލާގެ ފުރަތަމަ ޗާޕު ނެރެފައިވާއިރު ކޮންމެ ހަތަރު މަހަކުން އެއް މަހަކު މަޖައްލާ ނެރުމަށް ހަމަޖެހިފައިވާކަމަށް އޯރކާ މީޑިއާ ގްރޫޕުން ބުނެއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ވެސް ގިނަ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި އޯރކާ ގްރޫޕްއިން އިސްނަގައިގެން މިފަދަ ކަމެއް ކުރުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
ކޯޕަރޭޓް މޯލްޑިވްސް މަޖައްލާއަކީ ތަފާތު ގިނަ ދާއިރާއަކަށް ބަހާލައިގެން ނެރޭ މަޖައްލާއެކެވެ. އެގޮތުން ބޭންކިންގގެ ދާއިރާއާއި ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއާއި އިޖުތިމާޢީ އެކި ދާއިރާތައް މި މަޖައްލާގައި ހިމެނޭކަމަށް އޯރކާ މިޑިއާ ގްރޫޕްއިން ބުނެއެވެ.
އޯރކާ މީޑިއާ ގްރޫޕް ނުވަތަ ކުރިން މޯލްޑިވްސް ގެޓަވޭސްގެ ނަމުން ނަންދީފައިވާ މިކުންފުންޏަކީ 2010 ވަނަ އަހަރުން ފެށިގެން މާރކެޓިންގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. މިއަހަރުގެ މެއި މަހުގެ ތެރޭގައި މިކުންފުނި ވަނީ ރީބްރޭންޑްކޮށް މީޑިއާއަށް ޚާއްސަ ކުންފުންޏަކަށް ބަދަލުކޮށްފައެވެ.