ޚަބަރު

ދެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި ސިންގަޕޫރުން އެއްބަސްވުމެއްގައި ސޮއިކޮށްފި


ޚާރިޖީ ގުޅުންތަކާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ރާއްޖެއާއި ސިންގަޕޫރާދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ސިންގަޕޫރަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ.

މިދެ އެއްބަސްވުމުގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ސިންގަޕޫރުގެ ސަރުކާރުގެ ފާރާތުން ސޮއިކުރެއްވީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސީނިއަރ ސްޓޭޓު މިނިސްޓަރު މާލިކީ އުސްމާނެވެ.

ދެޤައުމުގެ ދެމެދުގައި ސޮއިކުރި ދެވަނަ އެއްބަސްވުމަކީ ޚާރީޖީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައިވެސް ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރުިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ސިންގަޕޫރުގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް މިނިސްޓްރީ އޮފް ހެލްތްގެ ސީނިއަރ ސްޓޭޓް މިނިސްތަރ ޑރ.ލަމް،ޕިން،މިންއެވެ.

ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ސިންގަޕޫރަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި އެދެކަނބަލުންނަށް ސިންގަޕޫރު ސަރުކާރުގެ ފަރާތުން ވަނީ މިއަދު ރަސްމީކޮށް ވަރަށްހޫނު މަރްޙަބާއެއް ދަންނަވާފައެވެ. ރަސްމީގޮތުން މަރްޙަބާ ދެންނެވުން އޮތީ ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގަނޑުވަރު އިސްތާނާގައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ، ސިންގަޕޫރުގެ ރައީސާ ޙަލީމާ ޔަޢުޤޫބާއި ފިރިކަލުން މުޙައްމަދު ޢަބުދުﷲ އަލްހަބްސީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ މިއަދު ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާތަކުގައި ވަނީ އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި އެމަނިކުފާނުވަނީ މިއަދު ބައިވެރިވެވަޑައިގެންފައެވެ.