ސިޔާސީ

ހާޖަރާގޭ ލުޠުފީގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި


3 ނޮވެމްބަރު 1988ގައި ރާއްޖެ އަށް ދިން އުދުވާނީ ޙަމަލާ ރާވައި ހިންގުމާއި، އެ ޢުދުވާނުގައި ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށްލައި، ދިވެހިންގެ އެތައްބަޔަކު ޒަޚަމްކޮށް އެތައްބަޔަކު ރަހީނުކުރުމުގެ، އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ އަނބުރާ ރާއްޖެގެނެއުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މިމައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ، މިއަދު ވަނީ ބަހުސްކޮށްފައެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ސްރީލަންކާގެ "ޕްލޮޓް" ޖަމާޢަތުގެ ޓެރަރިސްޓު ހަނގުރާމަވެރިންނާއިއެކު ރާއްޖެއަށް އަރައި ކުށެއްނެތް އެތައް ބަޔަކު ޒަހަމްކޮށް، އެތައް ބަޔަކު ރަހީނުކޮށް 19 ދިވެހިން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށްއުޅުނީ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީކަން ކަނޑައެޅިގެން އެނގެން އޮތްއިރު އަދި އޭނާ ފިލައިންގެން ސްރީލަންކާގައި އުޅުމަށްފަހު، އެޤައުމުގައި ހުންނަ ދިވެހި އެމްބަސީއާ އަމިއްލައަށް ޙަވާލުވިތާ ދެމަސްދުވަހަށްވުރެ ގިނަވެގެންދިޔައިރު، އޭނާ އަނބުރާ ރާއްޖެއަށް ގެނައުމަށް ސަރުކާރުން ބަހަނާ ދައްކަމުންދާ ކަމަށެވެ.

އަދި ލުޠުފީ ހޯދުމަށް އިންޓަޕޯލްގެ ރެޑްނޯޓިސް ނެރެފައިވާއިރުވެސް، އޭނާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރިކަން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކަށް ދިވެހި ސަރުކާރުން އަންގާފައިނެތްކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވަނީ ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން އަނެއްކާވެސް ލުޠުފީ ފިލާފާނެކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޒިންމާއިން ރެކި، އެކަން އެހެން ބައެއްގެ ބޮލުގައި އަޅުންވަންކަމަށްވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު ވަނީ ތުހުމަތުކުރައްވާފައެވެ.

މި މައްސަލައަށް ބަޙުސްކުރުމަށް މަޖިލީހުގެ ރިޔާސަތުން ހުޅުވާލުމުން ޖަލްސާއަށް ޙާޒިރުވި ގިނަ މެމްބަރުން ވަނީ ބަހުސްކޮށްފައެވެ. ބަހުސްގައި ބައިވެރިވި ބައެއް މެމްބަރުން ވަނީ މި މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަތުމަށް ނިންމި ނިންމުމުން ހާމަވެގެންދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ ރައްޔިތުންގެ އިޙްސާސްތަކާއި ރައްޔިތުންގެ އަޑުއަހަން ކެރޭ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ސަރުކާރުން ލުޠުފީ އަނބުރާ ރާއްޖެގެންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށާ، މިހާރުގެ ސަރުކާރަކީ ޢަދުލް އިންސާފަށް ލޯބިކުރާ ސަރުކާރެއްކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ލުތުފީ އަނބުރާ ރާއްޖެގެނައުން ލަސްވަތީ، މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅޭގޮތުން ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ، މިއީ ސިޔާސީ ބޭނުމަކަށް ސަރުކާރުގެ އަގުވައްޓާލުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި ކުރީގެ ސަރުކާރުތަކުން ލުތުފީ އަނބުރާ ރާއްޖެގެނައުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކުރައްވާފައެވެ.

އަދި ރައީސް ޔާމީންގެ ސަރުކާރުން އޭރު އެމަސައްކަތް ނުކޮށް އޮތުމަށްފަހު މިހާރު އެވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއްނެތްކަން ފާހަގަކުރައްވައި މި މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު އޭރު އެ މަސައްކަތް ނުކުރެއްވީ ކީއްވެތޯ ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ.

ތިނެއް ނޮވެމްބަރު 1988ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގެ މައްސަލާގައި މަރަން ޙުކުހުންކޮށްފައިވާ ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ ފިލައިގެން އުޅޭ މައްސަލަގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، ލުތުފީ ރާއްޖެގެނެއުމަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، އެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވެސް ވަނީ އަންގަވާފައެވެ. އަދި ލުތުފީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޙާޒިރުވި ހިސާބުން ފެށިގެން، އޭނާ އަނބުރާ ރާއްޖެ ގެނެއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާގުޅިގެން ފަށާފައިވާކަމަށާއި، ޢަބްދުﷲ ލުތުފީ ގާތުގައި މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް ސްރީލަންކާގައި ހަރަކާތްތެރިވަމުންދާކަން ފުލުހުންގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ މެއި މަހުގެ 1ވަނަ ދުވަހު ލުތުފީ އަމިއްލަ އަށް ޙާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ދިޔަކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ދިވެހިން ފުލުހުންގެ ބެލުމުގެ ދަށުގައި ލުތުފީ ހުރިކަމާއި ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާކަން ފުލުހުން އާއްމުކޮށްފައިވަނީ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެންމަތިވެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުންނެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ގެންނާނެކަން ފުލުހުން އިއުލާންކުރުމަށްފަހު ފުލުހުންނަށް މިހާތަނަށްވެސް ލުތުފީ މާލެ ގެނެވިފައެއްނުވެއެވެ. ސަބަބަކަށް ފުލުހުން ބުނަނީ ޤާނޫނީ ލިޔެކިޔުންތައް ފުރިހަމަނުވެގެންކަމަށެވެ.

ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ކުށެއްނެތް ނަވާރަ ދިވެހިން ޝަހީދުކޮށް އެތައް ދިވެހިތައްޔިތުންނެއް ރަހީނުކޮށް އެތައްބަޔަކު ޒަޚަމްކޮށްލައި ދިވެހި ޤައުމަށް ދުވަހަކުވެސް ޢިޔާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ދިނުމުގެ ފަހަތުގައި ހުރި އެންމެ އިސް މޭސްތިރިޔަކީ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ.

1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ޢަބްދުﷲ ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް 2010ވަނަ ޖެނުއަރީ މަހުގެ 16ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދަ އާއިއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހު އެނބުރި ޤައުމަށް ނައިސް ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ "އިންޓަރޕޯލް" މެދުވެރިކޮށް ޢަބްދުﷲ ލުތުފީ ހޯދުމަށް "ރެޑް ނޯޓިސް"އެއް ނެރެފައެވެ.