ޚަބަރު

ލުތުފީ ރާއްޖެގެނެއުމަށް ކުރިން މަސައްކަތް ކޮށްފައިނުވާތީ، އެކަން ތަޙުޤީޤުކުރުމަށް ސީޕީ އަންގައިފި


ތިނެއް ނޮވެމްބަރު 1988ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގެ މައްސަލާގައި މަރަން ޙުކުހުންކޮށްފައިވާ ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ ފިލައިގެން އުޅޭ މައްސަލަގައި، މިހާތަނަށް އޭނާ ރާއްޖެ ގެނެއުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، އެމައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ކޮމިޝަނަރ އޮފް ޕޮލިސް އަންގަވައިފިއެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޢަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށި ފަހުން، 2012ވަނަ އަހަރާއި 2016ވަނަ އަހަރާދެމެދު، ތަފާތު އެކި ފަހަރުމަތިން އޭނާ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މަޢުލޫމާތު ޔަގީނާގާތަށް ލިބި، އެމަޢުލޫމާތު ފުލުހުންގެ ކަމާގުޅުންހުރި އިސްވެރިންނާ ޙިއްސާކުރެވިފައި ވީނަމަވެސް ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ސަބަބު ބަލައި ތަޙްޤީޤު ކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ރަސްމީކޮށް ލިޔުމުން އަންގަވާފައިވާކަމަށެވެ. އަދި އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަޙްޤީޤް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިމައްސަލަ ބަލަން އެންގެވިއިރު، ލުޠުފީ ފިލާފައިވަނީ 2012ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އޭނާ ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވާލުމާއެކުއެވެ. އަދި މިދިޔަ ސަރުކާރުންވަނީ އޭނާ ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ހޯދާފައެވެ. އަދި އޭނާ ފެންނާނެފަދަ މަޢުލޫމާތެއްދިން މީހަކަށް މިދިޔަ ސަރުކާރުންވަނީ ފައިސާގެ އިނާމެއްވެސް ހުށަހަޅާފައެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ މެއި މަހުގެ 1ވަނަ ދުވަހު ލުތުފީ އަމިއްލަ އަށް ޙާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ދިޔަކަމަށް ބުނާއިރު އެކަމުގެ މަޢުލޫމާތު ފުލުހުންނާއި ސަރުކާރުން އޮތީ ހާމަނުކުރައްވައި ސިއްރުކުރައްވާފައެވެ.

ލުތުފީ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމާއި ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާކަން ފުލުހުން އާއްމުކޮށްފައިވަނީ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެންމަތިވެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުންނެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ގެންނާނެކަން ފުލުހުން އިއުލާންކުރުމަށްފަހު ފުލުހުންނަށް މިހާތަނަށްވެސް ލުތުފީ މާލެ ގެނެވިފައެއްނުވެއެވެ. ސަބަބަކަށް ފުލުހުން ބުނަނީ ޤާނޫނީ ލިޔެކިޔުންތައް ފުރިހަމަނުވެގެންކަމަށެވެ.

ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ކުށެއްނެތް ނަވާރަ ދިވެހިން ޝަހީދުކޮށް އެތައް ދިވެހިތައްޔިތުންނެއް ރަހީނުކޮށް އެތައްބަޔަކު ޒަޚަމްކޮށްލައި ދިވެހި ޤައުމަށް ދުވަހަކުވެސް ޢިޔާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ދިނުމުގެ ފަހަތުގައި ހުރި އެންމެ އިސް މޭސްތިރިޔަކީ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ.

1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ޢަބްދުﷲ ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް 2010ވަނަ ޖެނުއަރީ މަހުގެ 16ވަނަ ދުވަހު ސަރުކާރުގެ ހުއްދަ އާއިއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހު އެނބުރި ޤައުމަށް ނައިސް ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ "އިންޓަރޕޯލް" މެދުވެރިކޮށް ޢަބްދުﷲ ލުތުފީ ހޯދުމަށް "ރެޑް ނޯޓިސް"އެއް ނެރެފައެވެ.

ފުލުހުން ބުނީ ލުތުފީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޙާޒިރުވި ހިސާބުން ފެށިގެން، އޭނާ އަނބުރާ ރާއްޖެ ގެނެއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާގުޅިގެން ފަށާފައިވާކަމަށެވެ. އެގޮތުން ސްރީލަންކާގެ އެއްވެސް އިދާރާއަކުން ޢަބްދުﷲ ލުތުފީގެ މައްސަލައެއް ބަލަމުން ދޭތޯއާއި އޭނާއަކީ ގިނަ ދުވަސްތަކެއްވަންދެން ސްރީލަންކާގައި ޤަވާޢިދާއި ޚިލާފަށް އުޅެފައިވާ މީހަކަށްވާތީ، ސްރީލަންކާގައި އޭނާއަކީ އެއްވެސް މައްސަލައެއްގައި ހޯދާ މީހެއްތޯ ބަލައި އަދި އޭނާއާމެދު އެއްވެސް ތަޙްޤީޤެއް ހިނގަމުންދޭތޯ ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި ލުތުފީއަކީ ދިވެހިރާއްޖޭގެ ސަރުކާރުން ހޯދާ މީހަކަށްވާތީ، ސްރީލަންކާގެ އިދާރާތަކުން ހޯދަންޖެހޭ ކްލިއަރެންސް ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޢަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ސްރީ ލަންކާގެ ކަމާއިބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަންކަމަށް، އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށް، ފުލުހުންނާއި ފުލުހުން އޮންނަ ގުޅުމުގެ ތެރެއިން، ސްރީލަންކާ ޕޮލިސް ފޯރސްގެ އެކްޓިންގ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސީ.ޑީ.ވިކްރަމަރަތުނައާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ރަވީ ސެނަވިރަތުނައަށް ފޯން އަދި ސިޓީއިން އެކި ފަހަރުމަތިން މުޢާމަލާތް ކުރެވިފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި ޢަބްދުﷲ ލުތުފީ ގާތުގައި މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމްއެއް ސްރީލަންކާގައި ހަރަކާތްތެރިވަމުންދާކަން ފުލުހުން ވިދާޅުވެއެވެ.