ޚަބަރު

ލުތުފީ ރާއްޖެގެންނާނެކަމުގެ ފުރިހަަމަ ޔަޤީންކަން އެބައޮތް - ރައީސް ނަޝީދު


ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށް، ދިވެހިންގެ ބަޔަކު ރަހީނުކޮށް ދިވެހި ޤައުމަށް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދިނުމުގެ އިސް މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެގެންނާނެކަމުގެ ފުރިހަަމަ ޔަޤީންކަން އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މާޒީގައި ފެނިގެންގޮސްފައިވަނީ ގިނަ ފަހަރަށް ދިވެހިން ރާއްޖެއިން ބޭރަށް ފިލައިގެން ދިއުމުން އެއިރެއްގެ އޮންނަ ސަރުކާރަކުން އެ ފަރާތްތައް އަނބުރާ ޤައުމަށް ގެނައުމަށް ނުކުޅެދުނު މަންޒަރުކަމަށެވެ.

މި ފަދަ ކަންކަން މެދުވެރިވަނީ އެ ފަރާތްތައް ގޮސް ހިޔާވަހިކަން ހޯދާ ސަރަހައްދުތަކާއި އެސަރުކާރާއި އޮންނަ ގުޅުން ވަރުގަދަ ނޫންކަމުންކަން ސިފަކުރައްވައި ރައީސް ނަޝީދުވަނީ މިސަރުކާރަކީ ބޭރު ޤައުމުތަކާ ބަދަހި ގުޅުންތަކެއް ބާއްވާ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ. މިސަބަބައްޓަކައި، މި ސަރުކާރުން ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެގެންނާނެކަމުގެ ފުރިހަަމަ ޔަޤީންކަމަށް އެބައޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ލުތުފީ ރާއްޖެ ގެނެވޭނެ. ދެން އެހެންނަމަވެސް މީހަކު ރާއްޖެއިން ބޭރަށް ގޮސް ފިލީމާ އެމީހަކު ގެނައުން އެއީ ދިވެހި ދައުލަތަށް ވަރަށް މަދުފަހަރެއްގައި ނޫނީ ނުކުރެވޭކަމެއް. އިނގިވަޑައިގަންނަވާނެ އިބްރާހިމް ނާސިރު ގެންނަން ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިންތިހާއަށް މަސައްކަތްކުރެއްވި. އެކަމެއް ކާމިޔާބެއް ނުވި. އިނގިވަޑައިގަންނަވާނެ އަޅުގަނޑުގެނައުމަށް މީގެ ކުރީގެ އޮތް ސަރުކާރުން އިންތިހާއަށް މަސައްކަތް ކުރި. އެކަމެއްވެސް ކާމިޔާބެއް ނުވި." ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދް ވިދާޅުވިއެވެ.

އަބްދުﷲ ލުތުފީ ރާއްޖެ ގެންނާނެކަމުގެ ފުރިހަަމަ ޔަޤީންކަން އެބައޮތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ޢަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ލަންކާގެ ކަމާއިބެހޭފަރާތްތަކުގައި ދަންނަވާފައިވާ ކަންކަމަށް އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށް، ދެޤައުމުގެ ފުލުހުންގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން، ސްރީ ލަންކާ ޕޮލިސް ފޯރސްގެ އެކްޓިންގ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސީ.ޑީ. ވިކްރަމަރަތުނަ އާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ރަވީ ސެނެވިރަތުނައަށް ފޯން އަދި ސިޓީއިން އެކި ފަހަރުމަތިން މުޢާމަލާތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތުދެއެވެ. ޢަބްދުﷲ ލުތުފީ ގާތުގައި މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް ސްރީ ލަންކާގައި ހަރަކާތްތެރިވަމުންދެއެވެ.