ކުޅިވަރު

ކްރިކެޓް ވަރލްޑް ކަޕްގައި އަފްޣާނިސްތާން ބަލިކޮށް ޕާކިސްތާނު 4 ވަނައަށް


އައި.ސީ.ސީ ކްރިކެޓް ވަރލްޑް ކަޕްގައި ޕާކިސްތާނުން އަފްޣާނިސްތާން ބަލިކޮށް ހަތަރުވަނައަށް ޖެހިލިއިރު، އިނގިރޭސީންނަށް ސެމީ ފައިނަލުން ފުރުސަތު ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ކްރިކެޓް ވަރލްޑް ކަޕްގައި އިއްޔެ އަފްޣާނިސްތާން އަތުން ޕާކިސްތާން މޮޅުވީ ތިން ވިކެޓުން ނެވެ. މެޗުގެ ޓޮސް ދިމާވުމުން އަފްޣާނިސްތާނުން ގަސްދުކުރީ ކުޅުމަށެވެ.

އެ ޓީމް ކުޅެން އަރާ 50 އޯވަރުގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 227 ލަނޑެ އެވެ.
ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރާ ބާކީ ދެ ބޯޅަ އޮއްވާ 230 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ.

މި މޮޅާއެކު ޕާކިސްތާން ވަނީ އަށް މެޗުން 9 ޕޮއިންޓް ހޯދާފަ އެވެ. ބާކީ އެ ޓީމަށް އޮތީ އެންމެ މެޗެކެވެ. އެއީ އިންޑިޔާއާ ވާދަކުރާ މެޗެވެ.

ތާވަލުގެ ފަސްވަނައަށް ވެއްޓިފައިވާ އިންގްލެންޑަށް ލިބިފައިވަނީ 8 ޕޮއިންޓް އެވެ. މިހާތަނަށް ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފައިވަނީ ޗެމްޕިއަން އޮސްޓްރޭލިޔާ އެވެ.

ދެވަނައިގައި އޮތް އިންޑިޔާއަށް ސެމީގެ ޖާގައެއް ޔަގީންކުރަން ބޭނުންވަނީ ކުރިއަށް އޮތް ތިން މެޗުގެ ތެރެއިން އެއް މޮޅެއެވެ. ދެން ސެމީގެ ފުރުސަތު އެންމެ ބޮޑީ ނިއުޒިލެންޑަށެވެ.