ޚަބަރު

ޕެނަލްޓީ ޖަގައިގެން އުރުގުއޭ ބަލިކޮށް ޕެރޫ ސެމީ ފައިނަލަށް


ލުއިސް ސުއަރޭޒް ބޭކާރުކޮށްލި ޕެނަލްޓީއާއެކު އުރުގުއޭ ކަޓައި، ކޮޕާ އެމެރިކާގެ ސެމީ ފައިނަލުން ޕެރޫ ޖާގަ ހޯދައިފިއެވެ.

ކޮޕާ އެމެރިކާގެ ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި ޕެރޫއާއި އުރުގުއޭ ވާދަކޮށް ޕެރޫ މޮޅުވީ ހަތަރެއް ފަހެއްގެ ނަތީޖާއަކާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އުރުގުއޭއިން މެޗުގައި ތިން ގޯލު ޖެހިނަމަވެސް ދެގޯލުވެސް އޮފްސައިޑްކަމަށް ރެފްރީވަނީ ނިންމާފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުރުގުއޭއިން ޖެހި ފުރަތަމަ ޕެނަލްޓީ ޕެރޫގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. މި ޕެނަލްޓީ ޖެހީ ލުއިސް ސުއަރޭޒެވެ.

އެ ޓީމްގެ ކަވާނީ، ޓޮރޭރާ ބެންޓަންކަރ އަދި ކްރިސްޓިއަން ސްޓްއާނީ ޖެހި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. ޕެރޫގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ގަރޭރޯ، ރުއިޑިއަޒް، ޔޮޓުން، އަޑްވިންކޫލާ އަދި ފްލޮރޭސެވެ. މިއީ މި އަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ހަތަރު މެޗުގެ ތެރެއިން ޕެނަލްޓީން ނަތީޖާ ނެރެން ޖެހުނު ތިންވަނަ މެޗެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ޕެރޫ ނުކުންނާނީ އެންމެ ފަހުން ބޭއްވި ދެ މުބާރާތް ކާމިޔާބުކޮށްފައިވާ ޗިލީއާ ދެކޮޅަށެވެ.