ޚަބަރު

ކޯނޭ އަނެއްކާވެސް މާޒިޔާއަށް


މިދިޔަ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމު ހޯދި ސެއިން ވިންސެންޓްގެ ފޯވަރޑް ކޯނޭލިއަސް ސްޓުއަރޓް (ކޯނޭ) މާޒިޔާއާއި އަނެއްކާވެސް ގުޅިއްޖެއެވެ. އޭނާ މިދިޔަ އަހަރުވެސް ކުޅުނީ މާޒިޔާއަށެވެ.

2017ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދެއްކި ކޯނޭވަނީ ފާއިތުވި އަހަރު މާޒިޔާގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަންގައި މާޒިޔާއަށް އޭނާވަނީ 28 ގޯލު ކާމިޔާބުކޮށްދީފައެވެ. ކުރިން ސެއިން ވިންސެންޓްގެ ޤައުމީ ޓީމަށްވެސް ކުޅުނު ކޯނޭވަނީ 2017ވަނަ އަހަރުގެ ސީޒަނުގައި ޓީސީއަށް 22 ގޯލު ކާމިޔާބުކޮށްދީފައެވެ.

އުމުރުން 29 އަހަރުގެ ކޯނޭއަކީ އެމެރިކާގެ ދެވަނަ އަދި ތިންވަނަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެމެރިކާގައި ކުޅުމަށްފަހު، ކޯނޭވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއްކަމަށްވާ މޯވަންޓް ކެލަޑޯނިއާ ޔުނައިޓެޑާއި ފިންލެންޑުގެ ތިން ކްލަބަކަށް ކުޅެފައެވެ.