ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ 19 ދިވެހިން މަރާލި އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ފުލުހުން ކުރާ މަސައްކަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައްވައިފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލުތުފީ އަމިއްލަ އަށް ޙާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ދިޔައެވެ. ލުތުފީ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމާއި ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާކަން ފުލުހުން އާއްމުކޮށްފައިވަނީ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެންމަތި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުންނެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ގެންނާނެކަން އިއުލާންކުރުމަށްފަހު ފުލުހުންނަށް މިހާތަނަށްވެސް ލުތުފީ މާލެ ގެނެވިފައެއް ނުވެއެވެ. ސަބަބަކަށް ފުލުހުން ބުނަނީ ޤާނޫނީ ލިޔެކިޔުންތައް ފުރިހަމަނުވެގެންކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ކުރާ މަސައްކަތެއް އޮތިއްޔާ ފުލުހުން އެކަން ސާފުކޮށް ރައްޔިތުންނަށް ކިޔާދޭން ޖެހޭކަމަށެވެ. އަދި ކަންކަން ވަންހަނާ ކުރުމަކީ އޯގާތެރި ސަރުކާރެއްގެ ސިފައެއް ނޫންކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
ލުތުފީ އިސްކޮށް ހުރެ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރާ 3 ނޮވެމްބަރ 1988ގައި ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. މި މައްސަލާގައި ލުތުފީ މަރަން ކޯޓުން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު ރައީސް މައުމޫން ލުއިކޮށްދެއްވާ އެ އަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވިއެވެ.
ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ރާޢްޖެއިން ބޭރަށް ފޮނުވުމުންނެވެ. ނޮވެމްބަރު 3 ގެ އުދުވާނުގައި ލުތުފީއާއި އެކު ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހްމަދު ނާސިރަށް ވެސް އިއްވާފައިވަނީ އުމުރުދުވަހުގެ ޖަލު ހުކުމެކެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރުކަމުން މި މުއްދަތު ހަމަވުމުން 2014 ވަނަ އަހަރު ސަގަރު އަހްމަދު ނާސިރު ވަނީ މިނިވަންވެފައެވެ.