ޚަބަރު

އަނެއްކާވެސް ރަން މެޑަލެއް ސާއިދު ހޯދައިފި


މެލޭޝިއާގައި ބޭއްވި ޕަހަންގް އޯޕަން އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ރަން މެޑަލެއް ހޯދައިފިއެވެ.

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިއާގައި ފަރިތަކުރަމުންދާ ރާއްޖޭގެ ޤައުމީ އެތްލެޓިކްސް ޓީމުގެ ތިން އެތްލީޓެއްވަނީ މި މުބާރާތުގައި މެޑަލް ހޯދާފައެވެ. އެގޮތުން ރަން މެޑަލް ހޯދި ސާއިދުގެ އިތުރުން އިބްރާހިމް އަޝްފާން އަލީވަނީ ރިހި މެޑަލެއް އަދި އަޙްމަދު ސަރީސްވަނީ ލޯ މެޑަލެއް ހޯދާފައެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ރަން މެޑަލް ހޯދީ މުބާރާތުގެ ސަތޭކަ މީޓަރު ދުވުމުންނެވެ. ސަރީސް ލޯ މެޑަލް ހޯދީވެސް ސަތޭކަ މީޓަރު ދުވުމުންނެވެ. އަޝްފާން ރިހި މެޑަލް ހޯދީ މުބާރާތުގެ ދުއިސައްތަ މީޓަރު ދުވުމުންނެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ ޕަހަންގް އޯޕަން އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރީ އައިއޯއައިޖީއަށް ދިއުމުގެ ކުރިން އެތްލީޓުން މުބާރާތެއްގައި ވާދަކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުމުގެ ބޭނުމުގައިކަމަށެވެ.

އެތުލީޓުން ތަމްރީނުތައް ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15ގައެވެ. އަދި އައިއޯއައިޖީގައި ވާދަކުރަން މޮރީޝަސްއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17ގައެވެ.