ޚަބަރު

ނަބާހު ބްރޯޑްކޮމުން އިސްތިއުފާދެއްވައިފި


ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ހަސަން ނަބާހު ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ. ނަބާހުގެ އިސްތިއުފާގެ ސިޓީ ހުށައަޅުއްވާފައި ވަނީ މިއަދުއެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކާ ގާތްގުޅުމެއް އޮންނަ ނަބާހު ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަންކުރީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަދުވަހުއެވެ.

ކޮމިޝަނުން ނަބާހު އިސްތިއުފާދެއްވާފައި މިވަނީ އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގައި ހުންނެވި އިސްމާއީލް ސޮފްވާނުވެސް އިސްތިއުފާދެއްވާފައި ވަނިކޮށެވެ. ސޮފްވާން މަޤާމުން އިސްތިއުފާ ދެއްވީ އޭނާ އޮފީހަށް ހާޒިރު ނުވެ މުސާރަ ނަންގަވާތާ އެތައް މަހެއް ވުމުން އޭނާ އެ މަޤާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ނިންމުމުންނެވެ.

7 މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގައި މިހާރު ތިއްބަވާނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި މިހާރު ނާއިބު ރައީސް ފާތިމަތު ޒައިނާއާއި އަމްޖަދު ވަހީދާއި އައިމިނަތު ސަރާހަތާއި ޒީނާ ޒާހިރުއެވެ. މި މެމްބަރުންގެ ތެރެއިން ފާތިމަތު ޒައިނާ މަޤާމުން ވަކިކުރުމަށް މަޖލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށްވަނީ ހުށައަޅާފައެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ބްރޯޑްކޮމް މެމްބަރުން ހާޒިރުކޮށް ކޮމެޓީ މެމްބަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބްރޯޑްކޮމްގެ މެމްބަރުންވަނީ ކުރީގެ ސަރުކާރުގެ އިސްވެރިން އަންގައިގެން ވަކި ޗެނަލްތަކެއް ޖޫރިމަނާކޮށް ފިޔަވަޅު އެޅިކަމަށް އިއުތިރާފުވެފައެވެ. އަދި ވަކި ޗެނަލްތަކެއް ބަންދުކުރުމަށް މަސައްކަތްކުރިކަމަށްވެސް މެމްބަރުން ވަނީ އެއްބަސްވެފައެވެ.