ވިޔަފާރި

ދިރާގުން ރާއްޖެއަށް ގިގަބިޓް ސްޕީޑްގެ އިންޓަނެޓް ތަޢާރަފްކޮށްފި


ރާއްޖެއަށް ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑްގެ އިންޓަނެޓް ދިރާގުން ތައާރަފް ކޮށްފިއެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޙިދުމަތް ތައާރަފް ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލްއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިގަރބިޓް ސްޕީޑްގެ އިންޓަނެޓް ތައާރަފްކުރުމަށް ދިރާގުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގައި ޓެކްނޮލިޖީގެ ބޮޑު އިންޑަސްޓްރީއެއް ޤާއިމްވެފައިވާ ގައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި ޑިޖިޓަލް އިކޮނޮމީއަކަށް ރާއްޖެ ގެންދިއުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އެގޮތުން ޑިޖިޓަލް ސޮސައިޓީއެއް ގާއިމް ކުރުމާއި ޑިޖިޓަލް ގަވަރނެންސް އެއް ގާއިމް ކުރުމަށްވެސް އެ މިނިސްޓްރީން މަސައްކަތް ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ގިގަރބިޓް ސްޕީޑްގެ އިންޓަނެޓް ޙިދުމަތަކީ ގިނަ ވިޔަފާރިވެރިންނަށާއި ކިޔަވާކުދިން އަދި ސިއްޙީ ދާއިރާއާއި މިނޫންވެސް ދާއިރާތަކަށް މުހިންމު ހިދުމަތަކަށް ވެގެންދާނެ ކަމަށެެވެ. އަދި ރާއްޖެއަށް މި ޙިދުމަތް ތައާރަފްކުރާ ފުރަތަމަ ބަޔަކަށް ދިރާގުވުމަކީ އެއީ ލިބޭ ފަހުރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިރާގުން ތައާރަފް ކުރި ގިގަރބިޓް ސްޕީޑްގެ އިންޓަނެޓް ޙިދުމަތަކީ ރާއްޖޭގައި މިހާތަނަށް ދެވޭ އެންމެ ހައި ސްޕީޑް އިންޓަރނެޓް ކަމަށް ދިދާގުން ބުނެއެވެ. މިއަދު ދޭން ފަށާފައިވާ ޙިދުމަތް ދޭން ފަށާނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި، ލ.ގަން، ބ.އޭދަފުށި، އދ.ދަނގެތި އަދި ކުޅުދުއްފުށީގައެވެ. އެހެން ނަމަވެސް މިޙިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދިރާގުން މައުލޫމާތުދެއެވެ. މިއީ ދިރާގުން މިހާރު ފޯރުކޮށްދޭ 100 އެމްބީޕީއެސްގެ އިންޓަނެޓް ޚިދުމަތަށްވުރެ 10 ގުނަ އަވަސް ޚިދުމަތެކެވެ.