އޮސްޓްރޭލިއާ ރާއްޖެއާއި ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުވަފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި އޮސްޓްރޭލިއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 45 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަފީރު ޑޭވިޑް ހޮލީ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ހިންގާ މަޝްރޫއުތަކުގައި އެ ޤައުމުން ދޭ އެހީތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި ރާޢްޖެއާއި އޮސްޓްރޭލިއާ ގުޅިގެން ތަރައްޤީގެ މަޝްރޫއުތައް ހިންގަން ފަސޭހަވާނެކަމަށެވެ. ސަފީރު ވިދަޅުވީ ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށްވެސް މަސައްކަތްކުރައްވާނެކަމަށެވެ.
ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ހެޔޮވެރިކަމެއް ޤާއިމުކުރުމަށް އޮސްޓްރޭލިއާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް ސަފީރުވަނީ ވަނީ ދެއްވާފައެވެ. މީގެ އިތުރުން މަތީ ތަޢުލީމުގެ ފުރުސަތުތަކާއި ސިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި ތިމާވެޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ޖަޒީރާ ޤައުމުތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އޮސްޓްރޭލިއާއިން އަބަދުވެސް މަސައްކަތްކުރާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން އޮސްޓްރޭލިއާއަށް ދާ ދިވެހިންގެ ޢަދަދު ކޮންމެވެސް ވަރަކަށް މަދުވެފައިވާކަމަށާއި އެކަން އެގޮތަށް މެދުވެރިވާ ސަބަބު ދެނެގަތުމަށް މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަންވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ސަރަހައްދުގެ ރައްކާތެރިކަމަށް ކުރެވެ ކޮންމެ ކަމެއްގައިވެސް އޮސްޓްރޭލިއާ އަބަދުވެސް ރާއްޖެއާއި އެކު އޮންނާނެކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ނިންމި ނިންމުމަށް އޮސްޓްރޭލިއާ ސަފީރު ޑޭވިޑް ހޮލީ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުޤަފޫރު މުޙައްމަދު ވިދާޅުވީ އޮސްޓްރޭލިއާއަކީ ރާއްޖޭއާއި ވަރަށް ގާތްގުޅުމެއް އަބަދުވެސް ބާއްވަމުން ގެންދާ ޤައުމެއްކަމަށާއި މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޢަބްދުޤަފޫރު މުޙައްމަދު ވިދާޅުވިއެވެ.
ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1974 ވަނަ އަހަރުގައެވެ. އޭގެފަހުން އެކި ރޮނގު ރޮނގުން އޮސްޓްރޭލިއާއިން ގެންދަނީ ރާއްޖެއަށް އެހީތެރިވަމުންނެވެ. ޚާއްސަކޮށް އޮސްޓްރޭލިއާ ފާހަގަވެފައިވަނީ އެކި ދާއިރާތަކުން މަތީ ތަޢުލީމުގެ ފަހި ފުރުސަތު ރާއްޖެއަށް ދޭ ޤައުމެއްގެގޮތުގައެވެ. އެގޮތުން ފާއިތުވި 5 އަހަރު އެކަނިވެސް އޮސްޓްރޭލިއާއިން ވަނީ ރާއްޖެއަށް 10.8 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.
ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ނިންމި ނިންމުމަށް އޮސްޓްރޭލިއާ ސަފީރު ޑޭވިޑް ހޮލީ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލް ޤަފޫރު މުޙައްމަދު ވިދާޅުވީ އޮސްޓްރޭލިއާއަކީ ރާއްޖޭއާއި ވަރަށް ގާތްގުޅުމެއް އަބަދުވެސް ބާއްވަމުން ގެންދާ ޤައުމެއްކަމަށާއި މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޢަބްދުޤަފޫރު މުޙައްމަދު ވިދާޅުވިއެވެ.