ކުޅިވަރު

ޕެނަލްޓީ ޖަހައިގެން ކޮލޮމްބިޔާ ބަލިކޮށް ޗިލީ ސެމީއަށް


ޕެނަލްޓީ ޖަހައިގެން ކޮލޮމްބިޔާ ބަލިކޮށް، ކޮޕަ އެމެރިކާގެ ސެމީ ފައިނަލުން، ޗިލީ ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެވެސް ޗެމްޕިއަން ޗިލީން ކޮލަމްބިޔާގެ މައްޗަށް ކުރި ހޯދީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެން ނެވެ.

ޗިލީން ޖެހި ހުރިހާ ޕެނަލްޓީއެއް އެ ޓީމުން ކާމިޔާބުކުރިއިރު، ކޮލޮމްބިޔާއަށް ކާމިޔާބު ނުކުރެވުނީ ،ވިލިއަމް ޓެސިލޯ ޖެހި ޕެނަލްޓީ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތުގައި ޗިލީން ދެ ލަނޑު ޖެހި އެވެ. އެހެންނަމަވެސް ވީ.އޭ.އާރް ބެލުމަށްފަހު ރެފްރީ ނިންމީ، ފުރަތަމަ ލަނޑު އޮފްސައިޑްކަމަ ށެވެ. އަދި ވީ.އޭ.އާރް ބެލުމަށްފަހު ރެފްރީ ނިންމީ، ދެވަނަ ލަނޑު ޖެހިއިރު، ޗިލީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނުކަމަ ށެވެ.

2016ގައި ބޭއްވި މުބާރާތުން ކޮލޮމްބިޔާ ކަޓުވާލި ޓީމަކީވެސް ޗިލީ އެވެ. މި އަހަރުގެ މުބާރާތް ޗިލީން ކާމިޔާބުކޮށްފިނަމަ އެ ޓީމް ވާނީ، އާޖެންޓީނާ ފިޔަވައި، ކޮޕާ އެމެރިކާގެ ތިން މުބާރާތެއް ޖެހިޖެހިގެން ކާމިޔާބުކުރި ހަމައެކަނި ޓީމަ ށެވެ.

އާޖެންޓީނާއިން ކޮޕާ އެމެރިކާގެ ތިން މުބާރާތެއް ޖެހިޖެހިގެން ކާމިޔާބުކުރީ، ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުގަ އެވެ. މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ޗިލީ ނިކުންނާނީ އުރުގުއޭ އަދި ޕެރޫ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަ ށެވެ.