ކުޅިވަރު

އައިއޯއައިޖީގެ މެޑިކަލް ޓީމް އެކުލަވާލައިފި


އަންނަ މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ)ގެ މެޑިކަލް ޓީމްގެ ހެޑަކަށް ޢަބްދުﷲ ރާފިއު ހަމަޖައްސައިފިއެވެ.
ޢަބްދުﷲ ރާފިއު މެޑިކަލް ޓީމްގެ ހެޑަކަށް ހަމަޖައްސާފައިވާއިރު، ރިފާޢު މައިގަނޑުގޮތެއްގައި މަސައްކަތްކުރާނީ ގައުމީ ބާސްކެޓް ޓީމާއި ފުޓްބޯޅަ ޓީމަށް އެހީތެރިވުމަށެވެ.
އަބްދުﷲ ރާފިއު އަކީ 2014 ވަނަ އަހަރުގެ 17 ވަނަ އޭޝިއަން ގޭމްސްއަށްފަހު، ޤަވާއިދުން މި ފަދަ މުބާރާތްތަކުގައި އެތްލީޓުންނަށް ބޭނުންވާ ފަރުވާދިނުމުގައި އެހީތެރިވަމުން އަންނަ ފަރާތެކެވެ. އަދި ރާފިއުއަކީ މިހާރުވެސް ޤައުމީ ސީނިއަރ ފުޓްބޯޅަ ޓީމްގެ މެޑިކް އެވެ.

ހަތް މެންބަރުގެ މައްޗަށް އެކުލެވޭ މެޑިކަޕް ޓީމެއް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން އެކުލަވާލާފައިވާއިރު، އާމިނަތު އުމާނާ ޢަލީ ނޫރައްދީން ސިއްޙީ އެހީތެރިކަން ފޯރުކޮށްދޭނީ ޤައުމީ އެތުލެޓިކްސް ޓީމަށެވެ. އުމާނާ އަކީ، 2012 ވަނަ އަހަރުގެ ލަންޑަން އޮލިންޕިކްސްއަށް ފަހު، ރާއްޖޭގެ ޓީމްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ. މުހައްމަދު ފަޔާޒް އަލީ ރިޒާ ހަމަޖައްސާފައިވަނީ ބެޑްމިންޓަން ޓީމް އަދި ޓޭބަލް ޓެނިސް ޓީމްގެ މެޑިކެއްގެ ގޮތުގައިއެވެ.

ފަޔާޒްވަނީ މީގެ ކުރިން 2016ވަނަ އަހަރުގެ ސައުތް އޭޝިއަން ގޭމްސް އަދި 2014ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައިވެސް މެޑިކެއްގެ ގޮތުގައި މަސައްކަތް ކޮށްފައިއެވެ.
އާމިނަތު ރީމާން ހާރިސް މަސައްކަތް ކުރާނީ ސެއިލިން ޓީމްގެ މެޑިކެއްގެ ގޮތުގައިއެވެ.2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޑިކަލް ޓީމްގައިވެސް ރީމާން މަސައްކަތްކޮށްފައިވެއެވެ.

އާމިނަތު ޔޫލިޔާ ލަތީފް މަސައްކަތްކުރާނީ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމާއި ޤައުމީ ފިރިހެން އަދި އަންހެން ވޮލީ ޓީމްގެ މެޑިކެއްގެ ގޮތުގައިއެވެ. ތޯރިގް މަޖީދު މަސައްކަތް ކުރާނީ ޤައުމީ ބީޗް ވޮލީ އަދި ޤައުމީ ފިރިހެން ސްވިމިންގް ޓީމްގެ މެޑިކެއްގެ ގޮތުގައިއެވެ. އަދި ލުބާނާ ޝާޙް މަސައްކަތްކުރާނީ ޤައުމީ އަންހެން ބެޑްމިންޓަން ޓީމްގެ މެޑިކެއްގެ ގޮތުގައިއެވެ.

މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން 10 ކުޅިވަރަކުން ވާދަކުރާނެއެވެ. އެއީ އެތްލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ފިރިހެން އަދި އަންހެން ވޮލީ، ބީޗް ވޮލީ، ބާސްކެޓްބޯލް، ފުޓްބޯލް، ސްވިމިންގް އަދި ކައިޓް ސަރފިންގެ ދަށުން ސެއިލިންގް އާއި ވިންޑް ސަރފިންގްއެވެ.