ޚަބަރު

ސީޓީ ސްކޭންއާއި އެމްއާރުއައިގެ ޙިދުމަތް ފަށަން ސެނަހިޔާ ހޮސްޕިޓަލުން ތައްޔާރުވަނީ


ސެނެހިޔާއިން ދެމުންއަންނަ ޚިދުމަތްތައް ފުޅާކޮށް ސީޓީ ސްކޭންއާއި އެމްއާރުއައިގެ ޙިދުމަތް މިއަރުގެ ތެރޭގައި ދިނުމަށް މަސައްކަތްކުރާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއެފްގެ ސަރވިސް ކޯގެ ކޮމާންޑަރ ޖެނެރަލް ހާމިދު ޝަފީޤު ވިދާޅުވީ ސެނަހިޔާ ހޮސްޕިޓަލުން އާންމުންނަށް ދޭ ޚިދުމަތް ފުޅާކޮށް ސީޓީ ސްކޭން އާއި އެމްއާއުއައިގެ އިތުރުން ޚާއްޞަ މެޑިކަލް ކޭމްޕްތަކެއް ހިންގުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ސެނެހިޔާއިން ކުރިއަށްގެންދަން ނިންމާފައިވާ މި މެޑިކަލް ކޭމްޕުތަކުގައި ރަށްރަށަށް ޓީމުތައްގޮސް ސްޕަރ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައި ދޭނެކަމަށް ސަރވިސް ކޯގެ ކޮމާންޑަރ ޖެނެރަލް ހާމިދު ޝަފީޤު ވިދާޅުވިއެވެ.

ސެނަހިޔާ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ސިފައިންގެ މިލިޓަރީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަސްމީކޮށް ހުޅުވުމަށްވެސް އެމްއެންޑީއެފުން ދަނީ މަސައްކަތް ކުރަމުންނެވެ. 16 ސެޕްޓެމްބަރު 2012 ގައި ހުޅުވި ސެނެހިޔާ ހޮސްޕިޓަލުން މިހާރުވެސް ދަނީ އާންމު ބަލިތަކުގެ ފަރުވާއާއި ބައެއް ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތްވެސް ދެމުންނެވެ.

ސެނަހިޔާއިން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯރޑެއް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެތަނުގައި ވަނީ ހުޅުވާފައެވެ.