ޚަބަރު

ސިއްޙީދާއިރާގައި މަސައްކަތް ކުރާ މީހުން ޚިދުމަތައް އިސްކަން ދިނުން މުހިއްމު-މިނިސްޓަރ


ރާއްޖޭގައި ވަށާޖެހިފައިވާ ސިއްޙީ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ސިއްޙީދާއިރާގައި މަސައްކަތް ކުރާ މީހުން ޚިދުމަތައް އިސްކަން ދިނުމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

ތ.އަތޮޅު ހޮސްޕިޓަލަށް 49 ނުވަ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ވަނީ ރާއްޖޭގެ ސިއްޙީނިޒާމް ފުޅާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓރ އަމީން ވަނީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަސާސީ މަސައްކަތަކީ ޕަބްލިކް ހެލްތްގެ ދާއިރާ ރަނގަޅު ކުރުން ކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް އެކި މަސައްކަތްތައް ކުރި ކަމުގައި ވީނަމަވެސް ޕަބްލިކް ހެލްތަށް އިސްކަންދީގެން ނޫނީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ނުވާނެކަމަށެވެ. އަދި ދުޅަހެޔޮ އާބާދީއެއް ނެތްނަމަ ސިއްޙީ ދާއިރާއަށް ކުރާ ހޭދައާއި ވަޞީލަތްތައް އިތުރުވެގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޕަބްލިކް ހެލްތްގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ދާއިރާއަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި ސިއްޙީދާއިރާ ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކުރައްވާފައެވެ.

"ދިވެހިރާއްޖެ އޮންނަ ގޮތުން ސިއްޙީ ދާއިރާގެ ޚިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި.
މިފަދަ ގޮންޖެހުންތަކާއެކުވެސް ލިބޭ ޢާމްދަނީއާއި އެހެނިހެން މަންފާއަށް ވުރެ އިންސާނިއްޔަތައްޓަކައި މަސައްކަތްކުރާ މީހުން ގިނަ. ތަމްރީނާއި ހުނަރު ހޯދުމަށް އިސްކަންދޭން ޖެހޭ. ބޭސްފަރުވާއަށް ކުރާ ދަތުރާއި ހޭދަވާ ހޭދަ ކުޑަކުރުމަށް މަސައްކަތް ކުރަމުންދަނީ" މިނިސްޓަރ ވިދާޅުވިއެވެ.

ތ.އަތޮޅު ހޮސްޕިޓަލަށް 49 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ހޮސްޕިޓަލަށް ގިނަ މުއްދަތަކަށް ޚިދުމަތް ކުރި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާ ފަރާތްތަަކަށްވެސް މި ހަފްލާގައި ވަނީ ހަނދާނީ ފިލާ ދީފައެވެ. މީގެ އިތުރުން މި ޖަލްސާގައި ވަނީ އެ ހޮސްޕިޓަލުގެ ހާލަތު ބަޔާންކޮށްފައިވާ ރިޕޯޓެއްވެސް މިނިސްޓަރ އަމީނަށް އަރުވާފައެވެ. ހެލްތް މިނިސްޓަރ އަމީން ތ،އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތަރައްޤީ ކުރި ލޭބަރ ރޫމް ހުޅުވާދެއްވާފައެވެ.

ތ. އަތޮޅޫ ހޮސްޕިޓަލަކީ 26 އެނދުގެ ޖާގައިގެން ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުން 5 ދާއިރާގެ ސްޕަޝަލިސްޓް ޚިދުމަތްތައް ލިބެމުންދާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. ތ.އަތޮޅުގެ ހޮސްޕިޓަލުގައި ފުރަތަަމަ ޚިދުމަތް ދޭން ފަށާފައިވަނީ 12 ޖޫން 1970ގައެވެ. އަދި ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ މަރޗް މަހުގެ 21 ވަނަ ދުވަހުއެވެ.