ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި


އިރާއްޖެ އެތެރެ ކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ އިއްޔެ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި 21 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖްގެ ތެރެއިންކަމަށެވެ.

ކަސްޓަމްސްއިން ބުނީ ޝައްކު ކުރެވުނު މީހާގެ ލަގެޖް ބަލާ ފާސްކުރުމުން އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ފުޅިތަކެއް ފެނުނުކަމަށެވެ. އަދި އެތަކެތީގެ ތަހުލީލްކުރުމުން ކެނަބިސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ބަރުދަނުގައި ޕެކިންގއާއެކު 1.096 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން މަޢުލޫމާތުދޭ ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާއަށް އަރާނެއެވެ. ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލަ ތަހުޤީޤްކުރުމަށް މިހާރު ފުލުހުންނާ ޙަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ރާއްޖޭގެ ކަނޑުގެ ބަނދަރުތަކާއި ވައިގެ ބަނދަރުތަކުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މޯލްޑިވްސް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް އެޅުމާއި، ކަސްޓަމްސްގެ އޮފިސަރުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ދަނީ ކަސްޓަމްސްއިން ހިންގަމުންނެވެ.