ޚަބަރު

ނޭމާ އެނބުރި ބާސާއަށް އަންނަން ބޭނުންވޭ: ކަރްދޯނާ


ޕީއެސްޖީ ދޫކޮށް ބްރެޒިލްގެ ފޯވާޑް ނެމާ އެނބުރި ބާސެލޯނާއަށް އަންނަން ބޭނުންވާކަމަށް އެ ކްލަބުން ބުނެފިއެވެ.

ބާސެލޯނާގެ ނައިބް ރައީސް ޔޯޑީ ކަރްދޯނާ ވިދާޅުވީ ނޭމާ އެނބުރި ބާސެލޯނާއަށް އަންނަން ބޭނުންވާކަން އެނގޭކަމަށެވެ. ނަމަވެސް، މިކަމާއި ގުޅިގެން ނޭމާގެ އޭޖެންޓާއި މަޝްވަރާ ކޮށްފައިނުވާނެކަމަށްވެސް ކަރްދޯނާ ވިދާޅުވިއެވެ.

ބާސެލޯނާއަށް އަލުން ނޭމާ ގެނެސްދާނެތޯ ސުވާލުކުރުމުން ކަރްދޯނާ ވިދާޅުވީ ނޭމާ ބާސެލޯނާ ދޫކޮށް ދިއުމުގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހިނގާފައި އެބަހުރިކަމަށެވެ. އެހެންކަމުން، އެ ކްލަބަށް ނޭމާ ގެނައުމާއިމެދުވެސް ފުންކޮށް ވިސްނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ކަރްދޯނާ ވިދާޅުވީ ބާސެލޯނާއަށް ކުޅެން އެތައް ކުޅުންތެރިންނެއް ބޭނުންވާކަމަށާއި ހުރިހާ ކުޅުންތެރިންނަށް އެ ޓީމުން ޖާގަ ދެވެން ނޯންނާނެކަމަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނޭމާ ޕީއެސްޖީއަށް ބަދަލުވީ 2017ވަނަ އަހަރުއެވެ. 200 މިލިއަން ޕައުންޑަށް ޕީއެސްޖީއަށް ބަދަލުވި ފޯވާޑަށް އެ ކްލަބާއިއެކު ފްރެންޗް ލީގް އުފުލާލުން ފިޔަވާ މާބޮޑު ކާމިޔާބެއް ނުލިބެއެވެ. އަދި އަޙުލާގީ މައްސަލަތަކާއިހުރެ ޕީއެސްޖީންވެސް ނޭމާ ވިއްކާލަން ބޭނުންވާކަމަށް ފަރަންސޭސިވިލާތުގެ ނޫސްތަކުން ބުނެއެވެ.