ޚަބަރު

ލ.އަތޮޅުގެ ސިއްޙީ މައްސަލަތައް ދެނެގަތުމަށް މަހާސިންތާއެއް ބާއްވަފި


ލ.އަތޮޅުގެ ސިއްޙީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށްޓަކައި އެ އަތޮޅުގެ ސިއްޙީ ދާއިރާގެ އިސްވެރިންނަށް ޚާއްސަކޮށްގެން މަހާސިންތާއެއް ބާއްވައިފިއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހައްދުންމައްޗަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި ވަނީ މިމަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ޗެއަރކަން ކުރައްވާފައެވެ. ލ.އަތޮޅުގެ ސިއްޙީ ދާއިރާގެ އިސްވެރިންނަށް ޚާއްސަކޮށްގެން ބޭއްވި މި މަހާސިންތާގައި ވަނީ އެ އަތޮޅުގެ ސިއްޙީ ނިޒާމަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވާފައެވެ. މިގޮތުން ސިއްޙީ މަރުކަޒުތަކަށް އެކަށީގެންވާ މެޝިނަރީސްއާއި އެކަށީގެންވާ ވެހިކަލްތައް ނުލިބުމުގެ މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ. އަދި ސިއްޙީ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުން މަދުވުމާއި ބައެއް ތަންތަނަށް ބޭސް ނުލިބުމުގެ މައްސަލަތައްވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް ސިއްޚީ މަރުކަޒުތަކުގެ އެކި ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ ފައިސާގެ މައްސަލަތައް ފަދަ މުހިއްމު މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ.

މި މަހާސިންތާ ފެށުމަސް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުއްﷲ އަމީން ވިދާޅުވީ ސިއްޙީ ނިޒާމް ކުރިއެރުމަށްޓަކައި ސަރުކާރުގެ އިތުރަށް މުވައްޒަފުންނާއި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި ޚާއްސަކޮށް މިދާއިރާގެ ޕަބްލިކް ހެލްތް ކުރިއެރުވަން ޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މަހާސިންތާގައި ހުށއަޅާފައިވާ މައްސަލަތައް ފަދަ ކަންކަން ހައްލުކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުންގެންދަވާކަމަށާއި އުއްމީދަކީ ވީ އެންމެ އަވަހަކަށް މިކަން ހައްލުވެގެން ދިޔުން ކަމަށްވެސް ހެލްތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ސިއްޙީދާއިރާ ކުރިއަރުވާ ތަރައްޤީ ކުރެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުގައި ޚާއްސަ އިސްކަމެއް ދީގެން ކުރައްވަމުންދާ މަސައްކަތެއްކަމަށެވެ. އެހެންކަމުން ލ.އަތޮޅަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ކުދި ކުދި މައްސަލަތައް އެއްމަސްދުވަސް ތެރޭ ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މި މަހާސިންތާގއި ލ.އަތޮޅުގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ހައްދުންމަތީގެ ސިއްޙީ ހާލަތު ބައްލަވާލުމަސް ހެލްތް މިނިސްޓަރ މިހރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅުގެ މުންޑޫ، މާބައިދޫ، ދަނބިދޫ އަދި އިސްދޫއަށް ވަޑައިގަތުމަސް ވަނީ ހަމަޖެހިފައެވެ.