މުނިފޫހިފިލުވުން

"މާމުއި" ގެ "އަރައިގެން އައި އިރާއޭ" ބަލާލައިފިންތަ؟


ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމް "މާމުއި" ގެ ގިނަ ބަޔަކު ބަލާލަން އިންތިޒާރުކުރަމުން އައި ލަވަ "އަރައިގެން އައި އިރާއޭ" ދައްކަލައިފިއެވެ.

ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލަވަތަކެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލަވައެކެވެ. މި ލަވައިން "މަ ހޭނެތި ދާނޭ"، "ދަނީހޭ އައިސްބަލާ" "ވާރޭގެ ޕަރީ" "އަންގާ ދޭށޭ"
"ޢިތުބާރު ކުރާށެ މިތުރާ" މި ލަަވަތަކުގެ ހަދާންތައް އާވެގެން ދެއެވެ.

ލަވަގެ 2 ތަރިންކަމަށްވާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ޢަބްދުﷲ ޝާފިޢު (ފުބޫ) ވަނީ މީގެ އަހަރަކުތަކެއް ކުރިން ދިވެހިންގެ މެދުގައި ނުހަނު މަގުބޫލުވި ލަވަތަކުގެ މަންޒަރާއި އެކްޓިން ހަމަ އެގޮތުގައި އަނެއްކާވެސް ދައްކާލާފައެވެ.

އަރައިގެން އަންނަ އިރާއިއެކު ޒުވާނަކު އޭނާގެ ލޯބިވެރިޔާއަށް ކޮށްދޭން ވައުުދު ވާ ކަންތައްތަކެއްގެ ވާހަކަ ކިޔާދޭ މި ލަވަ ކިޔާފައިވަނީވެސް ފުބޫއެވެ. ލަވައިގެ ކޮރިއޮގްރަފީއާއި ކޮސްޓިއުމް ތައްޔާރުކޮށްދީފައިވަނީ އިސްމާއިލް ޖުމާހް (ޖުމާ) އެވެ.


ޑާކްރެއިންގެ މި ފިލްމަކީ އެހެން ފިލްމުތަކާއި ޙިލާފަށް ގިނަ އަދަދެއްގެ ކާސްޓުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އިސްމާއިލް ޖުމާހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އަހްމަދު ސުނީ ، އަބްދުﷲ ޝިފާއު (ފުބޫ) އަދި މީގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. މިއާއެކު ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހުވެސް ފިލްމުގެ ޓްރެއިލާއިން ފެނިގެންދެއެވެ. އަދި އިންޑަސްޓްރީއަށް މުޅިން އަަލަށް ނުކުންނަ އައިޝަތު ޔާދާވެސް ޕިލްމުން ފެނިގެންދާނެއެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ޑާކް ރެއިންގެ ގިނަ ފިލްމަތަކެއް ޑައިރެކްޓްކުރި އަލީ ޝިފާއު (ޗިއްޕެ)އެވެ. އަހްމަދު ތޮލާލާއި އައިޝަތު ފުވާދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމަކީ ވަރަށް ތަފާތު ކޮމެޑީ ފިލްމަކަށް ވެގެންދާނެކަމަށް ޑާކްރެއިން ބުނެއެވެ.

ޑާކްރެއިން އެންޓަރޓެއިންމަންޓުން ވަނީ ފިލްމު "މާމުއި"ގެ ޕްރޮމޯޝަނަލް ލަވަ "ރޭރޭ" ވެސް ލޯންޗުކޮށްފައެވެ. ލަވަ ތަފާތު ގޮތަކަށް ފެނިގެންދާއިރު ޕްރޮމޯ ލަވަ ކިޔާދީފައިވަނީ މަޝްހޫރް ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދެވެ. ލަވަ އިތުރަށް ފުރިހަމަކޮށްދެނީ ލަވާގައި ހިމެނޭ ރެޕް އާޓިސްޓް ޓޯއިގެ އަޑެވެ.