ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީ މާލެ ނުގެނެވި ލަސްވަމުންދަނީ ސްރީލަންކާގެ އިދާރާތަކުން ފުރިހަމަކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ނުވެ ހުރުމުންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ. އަދި ލުތުފީ ރާއްޖެ ގެނެސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކުރުމަށްޓަކައި ފުލުހުންގެ ޚާއްޞަ ޓީމެއް ސްރީލަންކާގައި ޙަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.
ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ލުތުފީ އަމިއްލައަށް ޙާޒިރުވުމުންނެވެ. ނަމަވެސް އެކަމުގެ މަޢުލޫމާތު ޢާންމުނުކޮށް ގިނަދުވަސްވެފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މި މައްސަލާގައި ދައުލަތުގެ އެއްވެސް ވުޒާރާއަކުން މަޢުލޫމާތު ހިއްސާނުކޮށް އޮތުމަށްފަހު ބުދަ ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 1 މެއި 2019 ވަނަ ދުވަހު ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލަ އިޚްތިޔާރުގައި ހާޟިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއެކު، އެކަން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވަގުތުން ޙިއްސާކޮށްފައިވާކަމަށެވެ. އަދި އެވަގުތުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށްވެސް އެކަން ގެނެސް، ޤާނޫނީ އިމުގެ ތެރެއިން ޢަބްދުﷲ ލުޠުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ޢަބްދުﷲ ލުޠުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ލުތުފީ ސްރީލަންކާއަށް ގޮސް ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ރާޢްޖެއިން ބޭރަށް ފޮނުވުމުންނެވެ. ނޮވެމްބަރު 3 ގެ އުދުވާނުގައި ލުތުފީއާއި އެކު ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހްމަދު ނާސިރަށް ވެސް އިއްވާފައިވަނީ އުމުރުދުވަހުގެ ޖަލު ހުކުމެކެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރުކަމުން މި މުއްދަތު ހަމަވުމުން 2014 ވަނަ އަހަރު ސަގަރު އަހްމަދު ނާސިރު ވަނީ މިނިވަންވެފައެވެ.
ލުތުފީ އިސްކޮށް ހުރެ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރާ 3 ނޮވެމްބަރ 1988ގައި ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. މި މައްސަލާގައި ލުތުފީ މަރަން ކޯޓުން ހުކުމްކުރިއެވެ. އެހެންނަމަވެސް ރައީސް މައުމޫން ނޮވެމްބަރު ތިނެއްގައި މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު ލުއިކޮށްދެއްވާ އެ އަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވިއެވެ.