ޚަބަރު

ޙައްޖަށް މީހުން ގެންދިޔުމުގެ މަސައްކަތް ކުރިއަށް ގެންދަން މިނާ ޙައްޖު ގުރޫޕަށް އަންގައިފި


މިނާ ޙައްޖު ގުރޫޕުން ޙައްޖަށް މީހުން ގެންދިޔުމަށް ކުރަމުން އައި މަސައްކަތްތައް އަލުން ކުރިއަށްގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން އެޖަމާޢަތައް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ވަގުތާއި ޙާލަތަށް ބަލާއިރު މިނާ ޙައްޖު ގުރޫޕު ނޫން ގުރޫޕަކަށް އެޖަމާތުގެ ޙަވާލުގައި ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ޙައްޖުގެ ކަންކަން ޙަވާލުކޮށްފިނަމަ ޙައްޖުވެރިންގެ ޙައްގުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކޮށް ނުދެވިދާނެކަމަށެވެ. އެހެންކަމުން މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ މިނާ ޙައްޖު ގުރޫޕުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެޖަމާޢަތުގެ ޙަވާލުގައި ޙައްޖަށް ދެވޭނޭ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާކަމަށް އެމިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓްރީން މިކަން ޙާމަކުރައްވާފައިމިވަނީ ޙައްޖު ކޯޓާ ދިނުމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުގެ ތުހުމަތުތަކެއް ކުރެވި އެންޓި ކޮރަޕްޝަންކޮމިޝަނުން އެމައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ. އޭސީސީން އެމައްސަލަ ބަލަމުންދާތީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވަނީ ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި މިނާ ގުރޫޕުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް ވަގުތީގޮތުން ހުއްޓާލުމަށް އެޖަމާޢަތަށް އަންގާފައެވެ.

މިމައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީންވަނީ ދައުލަތުގެ ބަންޑާރަ ނައިބާއި އަދި އޭސީސީއާއިވެސް މަޝްވަރާކޮށްފައެވެ. އަދި އެދެ މުވައްސަސާއިންވެސް ޙާއްޖާޖީންގެ ޙައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް މިނާ ގުރޫޕުގެ ޙަވާލުގައި ޙައްޖަށް މީހުން ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ލަފާދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ވިދާލުވެފައިވެއެވެ.

އިސްލަމިކް މިނިސްޓްރީން މިނާ ގުރޫޕަށް އަލުން ޙައްޖުގެ ކަންކަން ކުރިއަށްގެންދިޔުމަށް އަންގާފައިވާއިރު އެގުރޫޕުން ބުނީ މަސައްކަތް ހުއްޓާލުމަށް އެންގުމާއި ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމަށް. އެގޮތުން ޙައްޖުވެރިން ތިބުމަށް ކަނޑައަޅާފައިވާ ހޮޓަލާއެކު އެގްރިމަންޓުގައި ސޮއިކުރުމަށް ކަނޑައެޅު ތާރީޚުފަސްވެގެން ގޮސްފައިވާއިރު ޙައްޖުވެރިން ސަޢުދީއަށް ގެންދިޔުމަށް އެއްބަސްވެފައިވާ ސަޢުދީ އެއާލައިނަށްވެސް ފައިސާ ދައްކަން އޮތް ތާރީޚު ފަސްވެގެން ގޮސްފައިވާކަމަށް އެޖަމާޢަތުން ބުނެއެވެ. އަދި މިހެން ވުމުގެ ސަބަބުން ދިމާވި ދަތިތަކުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީއާއި ހިއްސާކުރާނެކަމަށްވެސް އެޖަމާޢަތުން ބުނެއެވެ.

ޙައްޖުގެ ކޯޓާ ދޫކޮށްފައިވާ ގޮތާއިމެދު އޭސީސިން ބަލަމުން އަންނަ ކޮރަޕްޝަންގެ މައްސަލަ އަދި ނުނިމެއެވެ. އަދި މިއަހަރު ދިމާވި ފަދަ މައްސަލަތައް ތަކުރާރު ނުވާނެހެން ޙައްޖުގެ ކަންކަން އިންތިޒާމުކުރުމަށް މަސައްކަތްކުރާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.