ޚަބަރު

ދެވަނަ އިންވެސްޓްމެންޓް ފޯރަމް މިއަހަރު ޗައިނާގައި ބާއްވަނީ


ދިވެހިސަރުކާރުން އިސްނަގައިގެން ބާއްވާ ދެވަނަ އިންވެސްޓްމެންޓް ފޯރަމް މިއަހަރުތެރޭގައި ޗައިނާގެ ޝަންގހާއިގައި ބާއްވާނެކަމަށް އިކޮނޮމިކް މިނިސްޓްރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.ޕަބްލިކްސަރވިސް މީޑިއާ ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ޝަންގހާއީގައި ބާއްވާ އިންވެސްޓްމެންޓް ފޯރަމުގެ މައިގަނޑު މަޤުސަދަކީ ބޭރުގެ އިންވެސްޓްމެންޓްތަކަށް ސަރުކާރުން މަރުހަބާ ކިޔާކަމާއި، އެފަރާތްތަކަށް ރާއްޖޭގައި ފުރިހަމަ ފުރުސަތު އޮތްކަން އިންވެސްޓަރުންނަށް އަންގައިދިނުންކަމަށެވެ. އަދި ޤާނޫނީ ގޮތުން އިންވެސްޓަރުންނަށް ހުޅުވިފައިވާ ފުރުސަތުތަށް އެފަރާތްތަކަށް އަންގައިދީ، ސަރުކާރުގެ ފަރާތުން އެފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ލިބިދޭނެކަމަގެ ޔަޤީންކަން މިފޯރަމުގެ ތެރެއިން އިންވެސްޓަރުންނަށް އަރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ފުޅާކުރުމަށްޓަކައި ބޭރުގެ އިންވެސްޓްމެންޓްތަކަށް ހުޅުވާލައި އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު މިފޯރަމްގެ ތެރޭގައި ހުޅުވާލެވިގެންދާނެކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމަށްފަހު ޝަންގހާއިގައި މިފަދަ އިންވެސްޓްމެންޓް ފޯރަމެއް ބޭއްވިގެން ދިއުމުން ގިނައަދަދެއްގެ އިންވެސްޓަރުންގެ ސަމާލުކަން ރާއްޖެއަށް ހުއްޓިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.މިދިޔައަހަރުގެ އޭޕްރީލް މަހު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމުގައި މުހިންމު 5 މަޝްރޫޢެއް ސަރުކާރުން ލޯންޗް ކޮށްފައިވާއިރު ގިނައަދަދެއްގެ އިންވެސްޓަރުން މި ޕްރޮޖެކްޓްތަކަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.ދުނިޔޭގެ އެކިކަންކޮޅުތަކުން 500 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވިއިރު މިފޯރަމުގެ ސަބަބުން އިޤްތިޞާދީ ޕްރޮޖެކްޓްތަށް ހިންގުމުގައި އިތުރު ކުރިއެރުންތަށް ލިބިގެންދިޔަކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމަށް ބޭރުގެ އިންވެސްޓަރުންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބު މިނިސްޓަރ ފާހަގަކުރެއްވިއެވެ.ސަރުކާރުގެ އެންމެ މުހިންމު އެއްވައުދު ކަމުގައިވާ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި، ބޭރުގެ އިންވެސްޓްމެންޓުތަށް ރާއްޖޭގައި އިތުރުކުރުމުގެ ގޮތުން ސަރުކާރުންވަނީ ބޮޑެތި އިންވެސްޓަރުން ޝައުޤުވެރިވާނެފަދަ ޕްރޮޖެކްޓްތަށް ލޯންޗް ކޮށްފައެވެ. އޭގެތެރޭގައި އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް ހިމެނެއެވެ. މީގެއިތުރުން ޤާނޫނީ ގޮތުން އިންވެސްޓްމެންޓްތަކަށް ފުރުސަތުތަށް ފަހިކޮށްދިނުމުގެ ގޮތުން ޚާއްސަ އިޤްތިޞާދީ ސަރަހައްދުތަކާ ބެހޭ ޤާނޫނެއްވެސް ވަނީ ފާސްކޮށްފައެވެ.