ތަޢުލީމު

ނާއިބު ރައީސް އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގެ ހާލަތު ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިމާދުއްދީން ސްކޫލުގައި ހިންގާ ސެން ކްލާސްތަކަށް ޒިޔާރަތްކުރައްވާ، އެތަނުގެ މަސައްކަތްތައް ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިމާދުއްދީން ސްކޫލަށް ކުރެއްވި މި ޒަޔާރަތުގައި ވަނީ އެ ސްކޫލުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ކްލާސްތައް ކުރިޔަށްގެންދާގޮތް ބައްލަވައިލައްވައި، އެ ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ސްކޫލްގެ މެނޭޖްމަންޓާވެސް ބައްދަލުކުރައްވާފައެވެ.

ނާއިބު ރައީސްގެ މިޒަޔާރަތުގައި ސްކޫލުގެ މެނޭޖްމަންޓުން ވަނީ ސެން ކްލާސްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އެމަނިކުފާނާއި ޙިއްޞާ ކުރައްވާފައެވެ. އެގޮތުން މިވަގުތު ސެން ކްލާސްތައް ހިންގަމުންދަނީ ޖެހިގެން ހުންނަ ވަކި އިމާރާތެއްގައިކަން ފާހަގަކުރައްވައި، ސްކޫލާއި ސެން ކްލާސްތައް ހިންގާ ސްކޫލުގެ އެނެކްސް އިމާރާތާއި ދެމެދުގައިވާ މަގަކީ އާންމުން ހިނގާ މަގަކަށްވުމުން އޭގެ ސަބަބުން ދަތިތަކެއް ދިމާވާތީ އެ މަގަކީ އެގޮތަށް ބޭނުން ނުކުރާ މަގަކަށް ހައްދަވައިދެއްވަން މަސައްކަތްކޮށްދެއްވުމަށް އެ ސްކޫލުގެ މެނޭޖްމަންޓުން ވަނީ އެދިފައެވެ. އަދި، އެމަގު އެގޮތަށް ބަދަލުވެގެން ދިއުމަކީ ސެން ކްލާސްތަކުގެ ދަރިވަރުންނަށް ލިބިގެންދާނެ ފަސޭހައެއްކަން ސްކޫލުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ތަޢުލީމީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙު، އެންމެ އިސްކަންދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، އެ ސްކޫލުގެ މެނޭޖްމަންޓުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މުޅި ސަރުކާރުގެ މައިގަނޑު އަމާޒަކީ ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކޮށް، އެ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.