ޚަބަރު

އެމް.އެން.ޑީ.އެފްގެ "ރަންނަމާރި ހަންޓް" ނިންމާލައިފި


ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކޮންމެ އަހަރަކު ބާއްވާ އެކްސަސައިޒް "ރަންނަމާރި ހަންޓް"ގެ މިއަހަރުގެ ސިލްސިލާ މިއަދު ނިންމާލައިފިއެވެ.

އެކްސަސައިޒް "ރަންނަމާރި ހަންޓް" އަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކްތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ސިފައިންގެ ލެވެލްގައި ބާއްވަމުން ގެންދާ އެކްސަސައިޒެކެވެ.

އެމްއެންޑީއެފް މާލޭ އޭރިއާގެ އިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާގެ ބައެއް ރަށްތަކުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒް ފަށާފައިވަނީ މިމަހުގެ 23 ވަނަ ދުވަހެވެ. މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒްގެ ތަމްރީނުތައް ބާއްވާފައިވަނީ، އެމްއެންޑީއެފް މާލޭ އޭރިއާގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާގެ ބައެއް ރަށްތަކާއި، އެ ސަރަޙައްދުތައް ހިމެނޭ ކަނޑުގެ ސަރަޙައްދުތަކުގައެވެ. މި ދެ އޭރިއާގައި ގުޅިގެން ކުރިއަށްގެންދިޔަ އެކްސަސައިޒްގައި، އެމްއެންޑީއެފް މާލޭ އޭރިއާގައި ކުރިއަށްދިޔަ ތަމްރީންތައް، މާލެ، ހުޅުލޭ، ހުޅުމާލެ އަދި ކ. ތިލަފުށި ސަރަޙައްދުގައި ބޭއްވިއިރު، އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ. އަތޮޅުގެ ބައެއް ސަރަޙައްދުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އެކްސަސައިޒް "ރަންނަމާރި ހަންޓް" ގެ "ފައިނަލް އެކްސަސައިޒް" ބާއްވާފައިވަނީ، ރ. ކިނޮޅަހުގައެވެ. އޭގެ އިތުރުން، މި އެކްސަސައިޒްގެ ބައެއް ތަމްރީނުތައް، މާލެ ސަރަޙައްދާއި، ރ. އިނގުރައިދޫއާއި، ރ. މީދޫގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އެކްސަސައިޒް "ރަންނަމާރި ހަންޓް" ކުރިއަށްދިޔައިރު، ރ.އިނގުރައިދޫ އާއި، ރ. މީދޫ އަދި ރ.ކިނޮޅަހުގެ ރަށު ކައުންސިލްތަކާއި، އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އެކްސަސައިޒްގެ އޮޕަރޭޝަންތައް ކުރިއަށްގެންދިޔުމުގައި އެމްއެންޑީއެފަށް އެހީތެރިކަމަކާއި އެއްބާރުލުމެއް ވަނީ ލިބިގެންގޮސްފައެވެ.