ސިޔާސީ

ޤާނޫނީ ފަންނުގެ ބިލް ރައީސް ތަސްދީޤްކުރައްވައިފި


ޤާނޫނީ ވަކީލުންގެ މަސައްކަތްތައް ބެލުމަށް ބާ ކައުންސިލްގެ އުފެއްދުމަށް ލާޒިމްކުރާ ޤާނޫނީ ފަންނުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިފިއެވެ.

މި ބިލް މިއަދު ތަސްދީޤްކުރެއްވުމާއި ގުޅިގެން ބިލް ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓުކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމަށާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ ޤާބިލުކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ޤާނޫނީ ތަޢުލީމު ދިނުމުގެ ފެންވަރު މަތިކުރުންފަދަ އެންމެހާ ކަންކަން ބަޔާންކުރުމުގެ ބިލެކެވެ. އަދި އެކަންކަން ބެލެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަމުގައި ދައުލަތުގެ މިނިވަން އަދި މުސްތަޤިއްލު މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ މަސައްކަތްތައް ހިންގާނެ ގޮތް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބާ ކައުންސިލު ވުޖޫދުވުމަށްފަހު ޤާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ދައުލަތުގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުންނަށް ބާ ކައުންސިލުން ފިޔަވަޅު އެޅޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ބިލްގައިވެއެވެ.