ޚަބަރު

ކުރިމިނަލްކޯޓަށް 2 ޤާޟީ ހޯދަން އިއުލާންކޮށްފި


ކުރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާރަވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ޖޭއެސްސީން ވަނީ ކުރިމިނަލްކޯޓަށް 2 ޤާޟީއެއް ހޯދުމަށް އިއުލާންކޮށްފައެވެ. ގާޒީކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 11 ދުވަހުގެ 13:00 މިނެޓްގެ ކުރިން ހުށައެޅުމަށް ޖޭއެސްސީން ބުނެއެވެ. ޤާޟީގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 48 ހާސް ރުފިޔާއެވެ. މީގެއިތުރުން ރައްޔިތުން މަޖިލީހުން ކަނޑައަޅާ އުސޫލުގެ މަތިން މެޑިކަލް އިންޝިއުރެންސާއި ފޯނު އެލަވަންސްވެސް ލިބޭނެއެވެ.

ޤާޟީކަމަށް ކުރިމަތިލުމުގެ ޝަރުތަކުގެ ތެރޭގައި 25 އަހަރުވެފައިވުމާއި ޤާނޫނު އިސްލާމީ ޝަރީއާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށް ފައިވާ މީހަކަށް ވާންޖެހެވެ. އަދި މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ފަނޑިޔާރުކަން ނުވަތަ ވަކީލުކަންކޮށް 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

ކުރިމިނަލް ކޯޓަށް ދެ ޤާޟީއަކު ހޯދުމަށް ޖޭއެސްސީން އިއުލާންކޮށްފައި މިވަނީ އެ ކޯޓަށް ފަނޑިޔާރުން ހޯދާދިނުމަށް އެދި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުށައެޅުމުންނެވެ.

ކުރިމިނަލްކޯޓަށް ފަނޑިޔާރުން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ޖޭއެސްސީން ދަނީ އެކޯޓްގެ ޤާޟީއަކާއި ގުޅިގެން ހުށައެޅި 7 ޝަކުވާއެއްގެ މައްސަލަ ބަލަމުންނެވެ. އަދި ކޯޓްތަކުގައި ލަސްވެފައި ހުރި މައްސަލަތައް ލަސްވަނީ ކީއްވެތޯ ބެލުމުގެ މަސައްކަތްވެސް ޖޭއެސްސީން ވަނީ ފަށާފައެވެ. މި މަސައްކަތް އެ ކޮމިޝަނުން ފަށަން ނިންމާފައިވަނީވެސް ކުރިމިނަލްކޯޓުންނެވެ.