މުނިފޫހިފިލުވުން

ނުޒޫއާއި ފުބޫ މިފަހަރު 90ގެ އަހަރުތަކަށް


ދިވެހި ސިނަމާތަކުގައި ދެން އެންމެ އަވަހަށް އެޅުވުމަށް ތައްޔާރުވާ ކޮމެޑީ ފިލްމް "މާމުއި"ގެ އައު ލަވައެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

"އަރައިގެން އައި އިރާއޭ" މިނަމުގައި ނެރުމަށް ތައްޔާރުވާ މި ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި ލަވައަކީ ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލަވަތަކެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލަވައެކެވެ. އެގޮތުން މި ލަވައިން "މަ ހޭނެތި ދާނޭ"، "ފަރިވެފައި ފޮނިވެފައި"، "ދަނީހޭ އައިސްބަލާ" ފަދަ މިހާރުވެސް ދިވެހިންގެ ތެރޭގައި ހިޓް ލަވަތަކުގެ ރީމޭކެއް ފެނިގެންދާނެކަމަށް ޑާކްރެއިން އެންޓަޓައިންމަންޓުން ބުނެއެވެ.

ލަވައިގެ ވީޑިއޯގައި ފިލްމުގައި ހަރަކާތްތެރިވާ 2 ތަރިންކަމަށްވާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ޢަބްދުﷲ ޝާފިޢު (ފުބޫ) ފެނިގެންދާއިރު، މި ލަވަ ކިޔާފައިވަނީވެސް ފުބޫއެވެ. ލަވައިގެ ކޮރިއޮގްރަފީއާއި ކޮސްޓިއުމް ތައްޔާރުކޮށްދީފައިވަނީ އިސްމާއިލް ޖުމާހް (ޖުމާ) އެވެ.

ބޮޑު ކާސްޓަކާއެކު ނެރުމަށް ތައްޔާރުވަމުންދާ މި ފިލްމަކީ ޑާކްރެއިން އެންޓެޓެއިންމަންޓްގެ ފަރާތުން މި އަހަރު ނެރޭ ދެވަނަ ފިލްމެވެ. ފިލްމުގެ އޮފިޝަލް ޓްރެއިލަރ މިދިޔަ އޭޕްރީލްމަހު އާއްމުންނަށް ދޫކޮށްލާފައިވާއިރު، އެ ޓްރެއިލަރއިންވެސް ޑާކްރެއިންގެ މިފަހަރުގެ ފިލްމުގެ ތަފާތުކަން ފެނިގެންދެއެވެ.

ޖުލައި އެއްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "މާމުއި" އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޚަަރަދެއްކޮށްގެން އުފައްދާ ފިލްމުކަން ޑާކްރެއިނުން ފާހަގަކޮށްފައިވެއެވެ. އަދި މިވަގުތު ކުރިއަށްދަނީ އެކި ޕްލެޓްފޯމްތަކުގައި މި ފިލްމް ޕްރޮމޯޓްކުރުމުގެ މަސައްކަތެވެ. މި ފިލްމުގެ ޕްރޮމޯޝަނަލް ލަވަ "ރޭރޭ" ވެސް ވަނީ އާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ.