ވިޔަފާރި

ހުޅުމާލޭގައި ދުއްވާ ޓެކްސީގެ އަދަދު އިތުރުކުރަނީ


ހުޅުމާލޭގެ ދަތުރު ފަތުރުގެ ނިޒާމު މިހާރަށްވުރެ ފަސޭހަ ކުރުމަށްޓަކައި ހުޅުމާލޭގައި ދުއްވާ ޓެކްސީގެ އަދަދު އިތުރުކުރުމަށް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން އިން ނިންމައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭގައި ޓެކްސީ އިތުރުކުރުމުގެ ގޮތުން ޓެކްސީ ޙުއްދައަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިވަގުތަށް ދޫކުރުމަށް ހަމަޖަހިފައިވަނީ ފަސް ޓެކްސީ ޙުއްދަ ކަމަށް ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ، ހުޅުމާލޭގައި މިހާރު އޮތް ތިރީސްފަސް ހާސް މީހުންގެ އާބާދީއަށް ކޮންމެހެން ވެސް ޓެކްސީ އިތުރުކުރަން ޖެހޭ ކަމަށެވެ.

ޓެކްސީ ކުރުމުގެ ޙުއްދައަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ހުޅުމާލެއިން ގޯއްޗެއް، ފްލެޓެއް، ރޯހައުސް އެއް ލިބިފައިވާ ފަރާތެއް ކަމުގައިވުމާއި، ހުޅުމާލޭގައި ރަޖިސްޓްރީވެ ހުޅުމާލޭ ރަށްވެއްސެއްގެ ގޮތުގައި ހުޅުމާލޭގައި ދިރިއުޅޭ މީހަކަށްވުމުގެ އިތުރަށް ހުޅުމާލޭގައި ޓެކްސީ ކުރުމަށް ނުވަތަ ޓެކްސީ ސެންޓަރު ހިންގުމުގެ ޙުއްދައެއް ލިބިފައި ނުވާ ފަރާތެއް ކަމަށް ވުން ހިމެނެއެވެ.

ޓެކްސީ ޙުއްދައަށް އެދޭ ފަރާތްތަކުން މިމަހުގެ އަށާވީހުގެ ނިޔަލަށް އެޗްޑީސީއަށް ފޯމް ހުށަހަޅަންޖެހެއެވެ.

ހުޅުމާލޭގައި ދަތުރު ފަތުރުކުރުމަށް މިހާރު ބޭނުންކުރަމުން ދަނީ ވިހި ޓެކްސީ ކަމަށް އެޗްޑީސީން މައުލޫމާތު ދެއްވައެވެ.