ޚަބަރު

ކުށުގެ ވެށިން ގެންނަ ކުދިންނަށް ޚިދުމަތް ދޭ މުވައްޒަފުންނަށް ތަމްރީނު ބޭނުންވޭ - ޝިދާތާ


ކުށުގެ ވެށިން ގެންނަ ކުދިންނަށް ޚިދުމަތް ދިނުމަށް އެކަށީގެންވާ ތަމްރީނު ހިޔާގެ މުވައްޒަފުންގެ ނެތްކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޝިދާތާ ޝަރީފު ވިދާޅުވެއްޖެވެ.

ޖެންޑަރ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މުވައްޒަފުންގެ ފެންވަރު ބެލުމަށް ޚާއްސަ ސްކްރީނިންގ އެއް މިހާރު ހަދާފައިވާ ކަމަށާއި ފިޔަވަޅު އަޅަމުންގެންދަނީ އެ ސްކްރީނިންގ އަށް ބެލުމަށް ފަހުގައި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ ހިޔާއަކީ ކުށުގެ ވެށިން ގެންނަ ކުދިންނަށް ޚާއްސަތަނެއް ނޫންކަމަށާއި އެތަނުގެ މުވައްޒަފުންނަކީވެސް އެފަދަ ކަންކަމަށް ތަމްރީނުވެފައި ތިބި ބައެއް ނޫންކަމަށެވެ.

އެހެންނަމަވެސް ކުޑަކުއްޖަކު ގެއްލިފައިވާއިރު އެއީ އުޒުރެއްކަމަށް ޤަބޫލުނުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޙާދިސާތައް ޑޮކިއުމަންޓް ކުރުމަށް ކުރިން ހަރުދަނާ އުސޫލެއް ނެތްނަމަވެސް މިހާރު އެފަދަ އުސޫލެއްވެސް ޤާއިމުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަޙްމަދު ގެއްލިފައިވާތާ 10 ދުވަސްވެފައިވާއިރު އަދިވެސް އެކުއްޖާގެ އެއްވެސް ޚަބަރެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށްވެސް އަދި ޖެންޑަރ މިނިސްޓްރީއަށްވެސް ހޯދިފައެއް ނުވެއެވެ. މިމަހުގެ 17 ވަނަ ދުވަހު ގެއްލުނު ޝައިމް މީގެ ކުރިންވެސް ފިލާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. ޝައިމް ދެވަނަ ފަހަރަށް ފެނިފައިވަނީ ފުލުހުން އެހެން މައްސަލައަކާއި ގުޅިގެން ކުރަމުންދިޔަ ތަޙުގީގެއްގެ ތެރެއިން ކަމަށާއި

އެފަހަރު ޝައިމް ހޯދާފައިވަނީ ކުށުގެ ވެށިންކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް އެފަދަ ކުދިންގެ ކަންކަން ބެލުމަށް ޚާއްސަ މަރުކަޒެއްވެސް އަދި އެކުދިން ބަލަހައްޓަން ބޭނުންވާ ތަމްރީން ލިބިފައިވާ މަރުކަޒެއް ނެތުމުން ހިޔާއަށް އޭނާ ލީކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.