ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލަ ނުނިމި ލަސްވާ ސަބަބު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ކޯޓުތަކުގައި ހިނގާ މައްސަލަތައް ނުނިމި މައްސަލަތައް ކޯޓުތަކުގައި މަޑުޖެހިފައިވާ ކަމުގެ ޝަަކުވާ ޖޭއެސްސީ އަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އެކަން ބެލުމަށް ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ. އަދި މައްސަލަތައް ލަސްވަނީ ފަނޑިޔާރުންގެ ސަބަބުން ނަމަ އެކަން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ޖޭއެސްސީން އެންމެ ފުރަތަމަ ބަލަނީ ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައް ލަސްވާ ސަަބަބެވެ. ޖޭއެސްސީން މިއަދު ވަނީ އެކަން ބެލުމަށް ޚާއްސަ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ.
މިއަދުގެ ޖޭއެސްސީގެ ބައްދަލުވުމުގައި ހިނގާދިޔަ ކަންކަމާއި ގުޅޭގޮތުން ޒަހީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމްގެ މައްސަލައެއް ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ޒަހީން ވިދާޅުވީ ގާޒީ ނަޖީބާ ގުޅޭގޮތުން ތިން މައްސަލައެއް ބަލަން އެ ކޮމިޝަންގެ މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށާއި އަދި ގާޒީ ނަޖީބާ ގުޅޭގޮތުން ކުރިން އެ ކޮމިޝަނަށް ހުށަހެޅި، ބަލަމުންދާ ޝަކުވާތަކެއް އެބަހުރި ކަމަށެވެ.
ޒަހީން ވިދާޅުވީ ނަޖީބާއި ގުޅޭގޮތުން ޖުމްލަ ހަތް ޝަކުވާއެއް ޖޭއެސްސީއަށް ހުށަހެޅިފައިވާ ކަމަށާއި އެ ހުރިހާ ޝަކުވާތަކެއް ޖޭއެސްސީން ބަލަމުން އަންނަ ކަމަށް ޒަހީން ވިދާޅުވިއެވެ. ނަމަވެސް ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމްއާ ގުޅޭގޮތުން ހުށަހެޅިފައިވަނީ އެންމެ ޝަކުވާއެއް ކަމަށެވެ. އެ މައްސަލައަކީ ބަންޑާރަ ނާއިބުގެ އޮފީހުން ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޒަހީން ވިދާޅުވީ އެ ޝަކުވާތައް ބަލާނީ ތިން މެންބަރުންގެ ކޮމެޓީއަކުން ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޒަހީން ވިދާޅުވީ ޖުޑީޝަލް ސަރވިސްގެ އިސް މެޖިސްޓްރޭޓަރު މުޙައްމަދު ރާޣިބްއާ ގުޅޭ ޝަކުވާތަކެއް ބަލަމުން ދަނިކޮށް އިތުރު ޝަކުވާއެއް އައިސްފައިވާ ކަމަށެވެ. އޭނާއަށް ވިދާޅުވީ ރާޣިބްއާ ގުޅޭގޮތުން އަށް ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ. މީގެއިތުރުން ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރާ ގުޅޭގޮތުން ހަތަރު މައްސަލައެއްވެސް ބަލަމުން އަންނަ ކަމަށް ޒަހީން ވިދާޅުވިއެވެ.